ވިޔަފާރި

އުފެއްދުންތެރިކަން އިތުރުކުރުމަށް އިޤްތިޞާދުގައި ދަނޑުވެރިކަން އަދާކުރާ ދައުރު ބޮޑުކުރަންޖެހޭ


ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް އިޤްތިޞާދުގައި ދަނޑުވެރިކަން އަދާކުރާ ދައުރު ބޮޑުކުރަންޖެހޭކަމަށް ދަނޑުވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފާހަގަކުރަމުންދާ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ދެއްވި ހިތާބުގައި ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް، ދަނޑުވެރިންގެ ފަންނީ ޤާބިލްކަމާއި ހުނަރު އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޒާހާ ދެއްވި ހިތާބުގައި ވިދާޅުވީ، ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން އިތުރު ކުރެވޭނީ ދަނޑުވެރިކަމާއި މަސްވެރިކަން ޤައުމުގެ އިޤްތިޞާދުގައި އަދާކުރާ ދައުރު ބޮޑު ކުރެވިގެންކަމަށެވެ. އަދި ޚާއްޞަކޮށް ދަނޑުވެރިކަމުގެ އުފެއްދުންތައް ފަތުރުވެރިކަމުގެ ސިނާޢަތަށް ވިއްކޭނެ ހަރުދަނާ އުޞޫލުތަކެއް ޤާއިމު ކުރެވިއްޖެނަމަ، ރަށު ފެންވަރުގައި އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ ދަނޑުވެރިން ކުރައްވާ މަސައްކަތްތަކުން އެންމެ އެދެވޭ މަންފާއެއް ލިބޭނީ، ދަނޑުވެރިންގެ ފަންނީ ޤާބިލުކަމާއި ހުނަރު އިތުރުވެގެންކަމަށެވެ.

"ދަނޑުވެރިންނަކީ ދަނޑުވެރިކަމުގެ ޒަމާނީ ވައްޓަފާޅިއަށް ހޭނިފައިވާ، މަސައްކަތްތަކުގައި ދެމެހެއްޓެނިވި ގޮތްތައް އިޚްތިޔާރު ކުރާ ބަޔަކަށް ހެދުމަށް މިނިސްޓްރީން މިދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން. މިރިޔާސީ ދައުރު ފެށުނު ހިސާބުން ފެށިގެން މިއަހަރުގެ މިހާތަނަށް 22 ރަށެއްގައި ދަނޑުވެރިކަމުގެ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގައި، މިތަމްރީނުތަކުން ޖުމްލަ 1191 (އެއްހާސް އެއްސަތޭކަ ނުވަދިހަ އެއް) ދަނޑުވެރީން ވަނީ ތަމްރީނުކުރެވިފައި." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށްކުރާ މަސައްކަތްތައް ފާހަގަކުރައްވަމުން ޒަހާ ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާޢަތު އިތުރު ހަރުފަތަކަށް ގެންދިއުމަށް އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫޢު ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އުތުރުގެ 3 އަތޮޅެއްގައި، ދަނޑުވެރިންނަށް ބޭނުންވާނެ މައިގަނޑު އިންފްރާސްޓްރަކްޗަރތައް ކަމަށްވާ ކޯލްޑްސްޓޯރޭޖްތަކާއި ކާނާ ބަންދު ކުރާ ފެސިލިޓީތައް ޤާއިމުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ ދަނޑުވެރިންނަށް އެންމެ އެދެވޭ މަންފާއެއް ލިބިދެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ނަމުގައި ރައީސުލްޖުމްޙޫރިއްޔާ އުފައްދާފައިވާ ކުންފުނިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

"އެކުންފުނިން ކޮންޓްރެކްޓް ފާރމިންގެ ޒަމާނީ ވައްޓަފާޅި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތަށް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވޭ. މިކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ދެކުނުގައި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓު ކުރުމަށް ބޭނުންވާނެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ތަކާއި ތަކެތި މާކެޓް ކުރުމަށް ބޭނުންވާނެ އެހެނިހެން އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެ" ޒަހާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް ފަޅުރަށްތަކެއް ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައިވީ ނަމަވެސް ރަށްތައް ނަންގަވާފައިވާ ބައެއް ފަރާތްތަކުން ރަށް ނަންގަވާފައިވާ މަޤްޞަދުތަކާއި އެއްގޮތަށް މަސައްކަތް ނުކުރައްވާކަމަށެވެ.

"ރަށްތައް ދޫކުރުމުގެ މަޤްޞަދު ޙާޞިލްވަމުން ނުދާނަމަ ރަށްތައް ނަންގަވާފައިވާ ފަރާތްތަކާއި މިނިސްޓްރީއާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން އަރުވަން. ކަންމިހެންހުރި ކަމުގައިވީނަމަވެސް، ފަޅުރަށްތައް ނަންގަވައިގެން ހިތްވަރާއެކު މަސައްކަތް ކުރައްވާ، ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމުގައި މުހިންމު ދައުރެއް އަދާކުރައްވާ ފަރާތްތަކެއްވެސް އެބަ ތިއްބެވި. އެފަރާތްތަކުން ކުރައްވާ މަސައްކަތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" ޒަހާ ވިދާޅުވިއެވެ.

ދަނޑުވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދާއިރު، މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަކީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ކަނޑައެޅުއްވީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. އެގޮތުން މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން – ކާނާގެ ޔަޤީންކަން".