ޚަބަރު

ބުރިޖުގެ ޓްރެފިކް ބައްތިއެއް ވެއްޓިފައިވާތީ ދުއްވާ މީހުން ސަމާލުވުމަށް ފުުލުހުން އެދިއްޖެ


ރޭ މާލެ ސަރަހައްދަށް ޖެހުނު ކޮޅިގަނޑެއްގައި ސިނަމާލެ ބުރިޖުގެ ޓްރެފިކް ބައްތިއް ވެއްޓިފައި ވާތީ، ދުއްވާމީހުން އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލެއިން މާލެއަށް އަދި އެއާޕޯޓަށް ދަތުރުކުރާ އުޅަނދުތަކަށް ސިގްނަލްދޭން ހުންނަ ޓްރެފިކް ލައިޓް ރޭ އައި ކޮޅިގަނޑެއްގައި ވެއްޓިފައިވާތީ ހުޅުމާލެއިން މާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް ދަތުރު ކުރާ ފަރާތްތައް ސަމާލުވުމަށް އެދޭ ކަމަށެވެ.

ޓްރެފިކް ބައްތި ވެއްޓުމާއި ގުޅިގެން، ޓްރެފިކް ޕޮލިން މިހާރު ދަނީ، ހައިވޭ އާއި އެއާޕޯޓު އަދި ބުރިޖު ގުޅޭ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަމުންނެވެ. އާއްމުގޮތެއްގައި އޮފީސްގަޑިތަކާއި ދިމާވާ ވަގުތުތަކުގައިވެސް ޓްރެފިކް ފުލުހުން އެސަރަހައްދުގައި ޓްރެފިކް ބަލަހައްޓަމުން ގެންދެއެވެ.

ފުލުހުންގެ ޓްވީޓް

ބުރިޖުގެ ލައިޓް ހަލާކުވުމާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެފައި ވަނީ، އެލައިޓް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ.

ރޭ މާލެ ސަރަހައްދަށް ޖެހުނު ކޮޅިގަނޑުގައި ވައިބާރުވެ. ޓްރެފިކް ލައިޓް ހަލާކުވިއިރު، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދު ހެނދުނު ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.

މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ، ދަތުރުވެރިން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.