ދީން

ކަމެއްދިމާވާހިނދު ފުރަތަމަވެސް ﷲގެ މަދަދަށް އެދެންޖެހޭ- ޔާސްމިން


ދަތިކަމެއް ޖެހުމުން
ފުރަތަމަ ކަމަކަށް ﷲ ސުބުހާނަހޫ ވަތަޢާލާއަށް ދުއާދެންނެވުމަށް އާދަކުރުމަށް
މަޝްހޫރު ދީނީ އިލްމުވެރިޔާ ޔާސްމީން މުޖާހިދު އިލްތިމާސްކޮށްފިއެވެ.



އިނގިރޭސި ވިލާތުގެ
މަޝްހޫރު ދީނީ އިލްމްވެރިއެއްކަމަށްވާ ޔާސްމީން މުޖާހިދު މިކަމަށް
އިލްތިމާސްކުރެއްވީ އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވަމުންދާ ސިލްސިލާ
ޕްރޮގްރާމް ދަ މެސެޖްގެ ދަށުން ރޭ  ބޭއްވި
ޖަލްސާގައި ތަޤްރީރު ކުރައްވަމުންނެވެ.



ﷲ ގެ ރަހުމަތަށް
އުންމީދުކުރުން ނުވަތަ ﷲގެ ރަހުމަތަށް ބަރޯސާވުމުގެ މުހިންމުކަމާބެހޭގޮތުން
ތަޤްރީރުކުރައްވަމުން ޔާސްމީން ވިދާޅުވީ ﷲގެ ރަހުމަތަށް އުންމީދުކުރާ މީހަކު
ދުނިޔޭގެ ކަންތައްތަކުން މާޔޫސްވެ ނާއުންމީދު ނުވާނެކަމަށެވެ. ނަމަވެސް ﷲގެ
މަދަދަށް އެދޭއިރު އެމީހަކީ އީމާންކަމާއި އަޤީދާގެ ގޮތުން ﷲއާ ގުޅިފައިވާ މީހަކަށް
ވާންޖެހޭކަމަށް ޔާސްމީން ވިދާޅުވިއެވެ.



ޔާސްމީން ވިދާޅުވީ
އާންމުގޮތެއްގައި އަޅުގަނޑުމެންނަށް ހެދޭ އެންމެބޮޑު ގޯހަކީ ދަތިކަމެއް ކުރިމަތިވާ ހިނދު ފުރަތަމަކަމަށް  މާއްދީތަކެއްޗަށް ބުރަވެވުންކަމަށެވެ. އޭގެ
ބަދަލުގައި  ދަތިކަމެއް ދިމާވާހިނދު
ފުރަތަމަ ކަމަކަށްވެސް ﷲގެ މަދަދަށް އެދެންޖެހޭކަމަށް ޔާސްމީން ފާހަގަކުރެއްވިއެވެ.



ޔާސްމީންގެ
ވާހަކަފުޅުގައި ﷲގެ މަދަދާ ރަހުމަތަށް އުންމީދުކުރި ބައެއް ބޭބޭފުޅުންގެ ވާހަކައިން
މިސާލުޖައްސަވަމުން ވިދާޅުވީ ﷲއަށް އީމާންކަން ޚާލިސްކޮށް ﷲގެ ރަހުމަތާ މަދަދަށް
އުންމީދުކުރާ މީހާއަށް ﷲ ކާމިޔާބުދެއްވާނެކަން އަންގަވާފައިވާކަމަށެވެ.