ކުޅިވަރު

ޔުއެފާ ނޭޝަންސް ލީގު: ބެލްޖިއަމް މޮޅުވެ އަލުން އެއްވަނައަށް


ޔުއެފާ ނޭޝަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް މޮޅުވެ ގުރޫޕްގެ އެއްވަނައަށް އަލުން ޖެހިލައިފިއެވެ.

ރޮމަލޫ ލުކާކުގެ ދެ ލަނޑާއެކު ބެލްޖިއަމް އައިސްލޭންޑުގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ. މި މެޗުގައި އައިސްލޭންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކް ސައިވާސަންއެވެ. ބެލްޖިއަމްގެ ލަނޑުތައް މެޗުގެ ނުވަނަ މިނެޓާ ތިރީސް އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުކާކޫއެވެ. މި ދެ ލަނޑާއެކު ލުކާކޫ ބެލްޖިއަމްއަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދުވަނީ 55 އަކަށް އަރާފައެވެ.

ރޭ މި ގުރޫޕްގައި ޑެންމާކް އަތުން ބަލިވެ އިންގްލެންޑަށް ވަނީ އެއްވަނަ މަގާމް ގެއްލިފައެވެ. އިނގިރޭސިވިލާތުގެ ވެންބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންގްލޭންޑްގެ މައްޗަށް ޑެންމާކުން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ 35 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިންޓަ މިލާންގެ ކްރިސްޓިއަން އެރިކްސަންއެވެ. އެރިކްސަން މި ލަނޑު ކާމިޔާބުކުރުމުގެ ހަތަރު މިނެޓު ކުރިން އިނގިރޭސި ޑިފެންޑަރ ހެރީ މެގުއަރ ވަނީ ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މީއީ 2009 ވަނަ އަހަރުފަހުން މެޗުގެ މިހާ ކުރީކޮޅު ރަތްކާޑު ދައްކާ އިންގްލޭންޑް ކުޅުންތެރިއަކު ދަނޑުން ފޮނުވާލި ފުރަތަމަ ފަހަރެއެވެ.

މި މެޗުން ބަލިވުމާއެކު އިންގްލެންޑް ވަނީ ގުރޫޕްގެ އެއްވަނަ މަގާމް ގެއްލި ތިންވަނަ އަށް ވެއްޓިފައެވެ. މި ނަތީޖާއެކު ގުރޫޕްގެ އެއްވަނަ ބެލްޖިއަމްއަށް ލިބެނީ 9 ޕޮއިންޓާއެކުއެވެ. ރޭ ހޯދި މޮޅާއެކު ޑެންމާކުން ގުރޫޕްގެ ދެވަނައަށް ކުރިޔަށް ޖެހިލީ 7 ޕޮއިންޓާއެކުއެވެ. ހަތަރު މެޗުން ބަލިވި އައިސްލޭންޑް ވަނީ ލީގު ބީ އަށް ރެލިގޭޓްވެފައެވެ. ނޭޝަންސް ލީގުގެ ފައިނަލު ބުރަށް ކޮލިފައިވާނީ ލީގު އޭގެ ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއެވެ.