ދުނިޔެ

ޔަމަނުގައި ހައްޔަރުކޮށްފައިތިބި އެމެރިކާގެ ދެ ރައްޔިތުން ދޫކޮށްލައިފި


ޔަމަނުގު ހޫޘީންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިތިބި އެމެރިކާގެ ދެ ރައްޔިތުން ދޫކޮށްލައިފިއެވެ. އެ ދެމީހުން ދޫކޮށްލައިފައިވަނީ އޮމާންގެ އެދުމުގެ މަތިންކަމަށް އޮމާނުގެ ދަޢުލަތުގެ ނޫސް އިދާރާއިންވަނީ ބުނެފައެވެ.

އޮމާނުން ބުނީ އެ ޤައުމުގެ ސުލްޠާން ހައިތަމް ބިން ތާރިޤުގެ އިރުޝާދުގެ ދަށުން ޔަމަނުގެ ސަންޢާގެ ރަސްމީ ފަރާތްތަކާއި ވާހަކަދައްކާ އެމެރިކާގެ ދެ ރައްޔިތުން ދޫކޮށްލުމަށް ހުށަހެޅުމުން ޔަމަނުން އެކަމަށް އެއްބަސްވެފައިވާކަމަށެވެ. އެމެރިކާއަށް އަނބުރާ ދިޔުމުގެ ކުރިން އެ ދެ މީހުންވެސް ފުރަތަމަ ބަދަލުކުރާނީ އޮމާނަށެވެ.

ޔަމަނުން ދޫކޮށްލާފައިވާ މީހުންގެ ތެރޭގައި މީގެ ތިން އަހަރު ކުރިން ބަންދުކޮށްފައިވާ އިންސާނީ ޚިދުމަތުގައި މަސައްކަތްކުރާ ސަންޑްރާ ލޯލީއާއި މީގެ އަހަރެއް ކުރިން ބަންދުކޮށްފައިވާ އެމެރިކާގެ ވިޔަފާރިވެރިއެއްކަމަށްވާ މިކައެލް ގިޑަޑާ ހިމެނެއެވެ. އޭގެ އިތުރުން ޔަމަނުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެފައިވާ އެމެރިކާގެ ރައްޔިތެއްކަމަށްވާ ބިލާލް ފަތީންގެ ހަށިގަނޑުވެސް އެމެރިކާއަށް ރައްދުކުރާނެކަމަށް ޔަމަނުންވަނީ ބުނެފައެވެ. ނަމަވެސް އޭނާ މަރުވި ސަބަބާ ގުޅޭ ތަފްޞީލެއް އެ ޤައުމުން ދީފައެއް ނުވެއެވެ.

އެމެރިކާއިންވަނީ އެ ޤައުމުގެ ރައްޔިތުން ދޫކޮށްލުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔައިފައެވެ. އެމެރިކާގެ ސަލާމަތީ މުޝީރު، ރޮބާޓް އޯ ބްރިއެންވަނީ އޮމާންގެ ސުލްޠާނަށާއި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށް ޝުކުރު ޢަދާކުރައްވާފައެވެ. އެހެންކަމުން އެމެރިކާގެ ރައްޔިތުން ދޫކޮށްލުމުގައި ސަޢުދީ ޢަރަބިއްޔާއިންވެސް މުހިންމު ދަޢުރެއް ޢަދާކޮށްފައިވާކަމަށް ބެލެވެއެވެ.

އޮމާނުންވަނީ އެ ޤައުމުގައި ތާށިވެފައިތިބި ހޫޘީންނަށް ތާޢީދުކުރާ 240 ޔަމަނުގެ ރައްޔިތުން އަނބުރާ ޔަމަނަށް ފޮނުވާފައެވެ. އެމީހުންނަކީ މީގެ ދެ އަހަރުކުރިން ބޭސް ފަރުވާއަށް އޮމާނަށް ދަތުރުކޮށްފައިވާ މީހުންނެވެ. ނަމަވެސް އެމީހުން ދޫކޮށްލާފައިވަނީ އެމެރިކާގެ ދެ ރައްޔިތުން ދޫކޮށްލުމުގެ ބަދަލެއްގެ ކަމުގައިކަމަށް އެއްވެސް ފަރާތަކުން ބުނެފައެއް ނުވެއެވެ.