ރޭ މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ވައިގަދަ ވުމުގެ ސަބަބުން ސިނަމާލެ ބުރިޖުގެ ޓްރެފިކްލައިޓް ބައްތިއެއް ހަލާކުވެއްޖެއެވެ.
ހަލާކުވެފައި ވަނީ، ހުޅުމާލެ ކޮޅު އަންނަ ވެހިކަލްތައް ބުރިޖަށް އެރުމަށާއި، ހުޅުލެއަށް ވަނުމުގައި ސިގްނަލްދޭ ޓްރެފިކް ލައިޓެވެ.
ހުޅުލެ އާއި ހައިވޭ އަދި ބްރިޖްގުޅޭ ތަނުގައި ހުރި ޓްރެފިކްލައިޓްތަކުގެ ތެރެއިން ލައިޓެއް ހަލާކުވުމާއިއެކު އެތަނުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ކުރިންވެސް ހައިވޭ އާއިބުރިޖުގައި، އެންމެ ބާރުބޮޑުވާ ވަގުތުތަކުގައި ފުލުހުން ޓްރެފިކް ބަލަހައްޓަމުން ގެންދެއެވެ.
މާލެ ސަރަހައްދަށް މޫސުން ގޯސްވެ ބުރިޖުގެ ޓްރެފިކް ލައިޓެއް ހަލާކުވި އިރު، މާލެ ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ، ޔެލޯ އެލާޓް ނެރެފައެވެ.
އެގޮތުން ޔެލޯ އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 7:45އިން 11:45އަށް މާލެ ސަރަހައްދު ހިމެނޭހެން އދ އަތޮޅުންފެށިގެން ށ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި އާއްމުގޮތެއްގައި ވައިޖެހެމުންދާނީ 25 މޭލާއި 30 މެލާއި ދެމެދުގެ ބާރު މިނެއްގައި ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ،
މީގެ އިތުރުން އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެއިދާރާއިން ވިދާޅުވީ، ކަނޑުތަކުގެ ބާނި 5 ފޫޓާއި 7 ފޫޓާއި ދެމެދުގެ މިންވަރަކަށް އުފުލޭނެ ކަމަށާއި އެހެންކަމުން ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.