ޚަބަރު

ޤައުމުގެ މިސްރާބު ދައްކާދޭ ބަޔަކަށް ނޫސްވެރިންވުމަށް މީޑިއާ ކައުންސިލްގެ ރައީސް ގޮވާލައްވައިފި


ޤައުމު ހަމަމަގަށް އަޅުވާ ޤައުމުގެ މިސްރާބު ދައްކައިދޭ ބަޔަކަށް ނޫސްވެރިން ވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ގޮވާލައްވައިފިއެވެ.

މީޑިއާ ކައުންސިލުން ކުރިއަށް ގެންދިޔަ "ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް 2020" ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ ވާހަކަދައްކަވަމުން އެ ކައުންސިލްގެ ރައީސް ވަނީ ރާއްޖޭގައި ނޫސްވެރިކަން ފުޅާވަމުންދާކަން ފާހަގަކުރައްވާ ނޫސްވެރިންގެ މަސައްކަތަކީ ވަރަށް ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ނޫސްވެރިކަމުގެ ޒިންމާ އުފުލަންވާނީ ޒިންމާދާރުކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގަން ފާހަގަކުރައްވާ ހިދާޔަތުއްﷲ ވަނީ ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަމާ ތެދުވެރިކަމާއެކު ތައުލީމާއި ތަމްރީންގެ ބޭނުންކޮށްގެން ނޫސްވެރިކަން ކުރުމަށް ގޮވާލައްވަފައެވެ. އަދި މިހާރަށްވުރެ ބޮޑަށް ތަޙްޤީގީ ރިޕޯޓްތައް ލިޔުމަށާއި ޒަމާނީ ވަޞީލަތްތަކާއެކު މީޑިއާ ކުރިއަރަމުންދާއިރު ސޯޝަލް މީޑިއާގައި ފެތުރޭ ޚަބަރުތަކުގެ ތެދު ދޮގު އޮޅުން ފިލުވުމަށްވެސް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ހިދާޔަތުﷲ ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލަކީ ހަމައެކަނި ނޫސްވެރިން ލިޔާ ލިޔުމަކަށް ފިޔަވަޅު އަޅަން އޮންނަތަނެއް ނޫންކަމަށެވެ. އެގޮތުން ކައުންސިލްގެ ޤާނޫނުގައި އެންމެ ބޮޑަށް ބާރު އަޅާ އެއްކަމަކީ މިނިވަން ނޫސްވެރިކަމެއް ހޯދައިދިނުންކަމަށާއި ނޫސްވެރިންނަށް ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ.

މީޑިއާގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާ ކުރުމަށް މިދާއިރާއަށް ކިޔަވާ ކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމަށް ސްކޫލްތަކުގައި މީޑިއާ ކުލަބް އުފެއްދުމުގެ އިތުރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށްވެސް މީޑިއާ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.