ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު އެކުލަވާލައްވައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދުރު ރާސްތާގެ ސިޔާސަތުތަކެއް އެކުލަވާލެވުނު ފުރަތަމަ ފަހަރު ކަމަށް ސިވިލްއޭވިއޭޝަނުން މަޢުލޫމާތުދެއްވައެވެ. މިސިޔާސަތުގެ ދަށުން މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތު ކުރިއެރުވުމަށް ސަރުކާރާއި ސިވިލްއޭވިއޭޝަން އޮތޯރިޓީން އިސްކަންދީގެން ކުރާނެ މުހިންމު މަސައްކަތްތަކުގެ މަގުޗާޓެއް އެކުލަވާލެވި ސަރުކާރާއި ވައިގެ ދަތުރުފަތުރުގެ ބައިވެރިންނަށް އެއް މިސްރާބަކަށް ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ސިވިލް އޭވިއޭޝަނުން މަޢުލޫމާތުދެއްވައެވެ.
"ފްލައިޓް ޕްލޭން 2020-2025"ގެ ނަމުގައި އެކުލަވާލެވުނު މިސިޔާސަތުގައި ސޮއިކުރެއްވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އާއިޝަތު ނަހުލާއާއި ސިވިލްއޭވިއޭޝަން ބޯޑުގެ ޗެއަރމަން އަހުމަދު އަލިމަނިކާއި ޗީފް އެގްޒެކެޓިވް ހުސައިން ޖަލީލްއެވެ.
ފަސް ތަނބެއްގެ މައްޗަށް އެކުލެވިގެންވާ މިސިޔާސަތުގެ މަޤްސަދަކީ ސަލާމަތްތެރިކަމާއެކު ތިމާވެއްޓާ ރައްކާތެރިގޮތެއްގައި އަދި އިޤްތިޞާދީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިން އެކަކު އަނެކަކަށް އަދި ދުނިޔެ ގުޅުވާދިނުން ކަމަށް ވެސް އެމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.