އެމެރިކާގެ މިލިޓަރީ އެކަޑަމީ އިން އަންނަ އަހަރު ހިންގާ ''ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ، ކްލާސް އޮފް 2025'' ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
އަންނަ އަހަރު ޖޫން މަހު ފަށާ މިކޯހުގައި ރާއްޖޭގެ ފަރާތުން ހަ ޒުވާނަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި ހަތަރު އަހަރުގެ މުއްދަތަށް ކުރިޔަށްދާ މި ކޯހަކީ ބެޗްލަރސް ޑިގްރީ ކޯހެކެވެ.
ގާތްގަޑަކަށް 4 ލައްކަ ދިވެހި ރުފިޔާގެ މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުރިހާ ޒުވާނުންނަށް ވަނީ ހުޅުވާލާފައެވެ. ކޯހަށް ހޮވޭ ހިސާބުން އެ ޒުވާނަކު އެމްއެންޑީއެފްގެ ވަޒީފާއާއި ގުޅެންޖެހޭނެއެވެ. ޕްރައިވެޓެއްގެ ގޮތުގައި ކޯހުގައި ބައިވެރިވި ނަމަވެސް ކޯސް ފުރިހަމަކުރުމުން ރޭންކް އޮފިސަރުގެ މަޤާމަށް ބަދަލުވެގެންދާނެއެވެ. ކޯހުގެ މުއްދަތުގައި ހުރިހާ ހަރަދެއްކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާ ސަރުކާރުންނެވެ. ކޯހުގެ ހަރަދުތަކުގެ އިތުރުން ކޯހުގެ މުއްދަތު މުސާރައާއި ޕޮކެޓް މަނީވެސް ލިބޭނެއެވެ.
މި ކޯހަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އަންނަ އަހަރުގެ ޖޫން 28ގެ ކުރިން 23 އަހަރު ނުފުރޭ އަދި ޒަވާޖީ ޙަޔާތެއް ފަށާފައިނުވާ ޒުވާނަކަށް ވާންޖެހެއެވެ. މީގެއިތުރުން އޭ ލެވެލް ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ޒުވާނަކަށްވެސް ވާންޖެހެއެވެ. އަދި ކޯހަށް ހޮވުމުގައި ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮހަށް ހުށައަޅާ ޒުވާނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ޒުވާނަކަށް ވާންޖެހޭނެކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) އާއި އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްއޭޖް (TOEFL) ޓެސްޓް ހަދާފައިވާ ފަރާތެއް ކަމުގައިވުމަކީވެސް ކޯހަށް ކުރިމަތިލުމުގެ ޝަރުތެކެވެ. މި ޓެސްޓް ތަކަކީ ކޯހަށް އެޕްލައި ކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓްތަކެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި ކެމިސްޓްރީ، އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، ޑިފެންސް ސްޓްރެޓެޖިކް ސްޓަޑީޒް، އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިންސް، މެތަމެޓިކްސް، އިންޓަރނޭޝަނަލް ރިލޭޝަންސް، ލީގަލް ސްޓަޑީޒް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، ފިލޯސަފީ، ސައިކޮލޮޖީ އަދި ސޯސިއޮލޮޖީ ހިމެނެއެވެ. މީގެ އިތުރުންވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާ ބެހޭ މަޢުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓް http://www.usma.edu/ އިން ލިބެން ހުންނާނެކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ކޯހަށް ޝަރުތު ހަމަވާ ޒުވާނުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، މިމަހުގެ 28 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ ގެ ކޯސް ޑިޕާރޓްމަންޓުގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރުމަށް އެމްއެންޑީއެފުން ވިދާޅުވެއެެވެ.
މި ކޯހާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދުމަށް ބޭނުންވާ ފަރާތްތަކުން އެމްއެންޑީއެފް ހެޑްކްއޯޓަރޒް ފޯނު ނަމްބަރު 3322607 އަށް ގުޅުއްވާފައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ އެކްސްޓެންޝަން ނަމްބަރު 2157 ނުވަތަ މޯބައިލް ނަމްބަރު 9871235 އަށް ގުޅުމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުން ލޯޑް ކުރެވޭނެ އެވެ.