ކުޅިވަރު

ނޭމާގެ ހެޓްރިކާއެކު ޕެރޫގެ މައްޗަށް ބްރެޒިލް ކުރި ހޯދައިފި


ވަރލްޑް ކަޕް ކޮލިފައިންގައި ޕެރޫއާއި ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ ހެދި ހެޓްރިކާއެކު މޮޅުވެ ބްރެޒިލުން ތާވަލްގެ އެއްވަނަ ދިފާއުކޮށްފިއެވެ.

ޕެރޫގައި ކުޅުނު މިމެޗު ބްރެޒިލުން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 6 ވަނަ މިނެޓްގައި ޕެރޫގެ ކަރިއްލޯ އޭރިއާގެ ބޭރުން ކާމިޔާބުކޮށްދިން ލަނޑަކާއެކު ލީޑު ނެގިނަމަވެސް ފުރަތަމަ ހާފު ނިމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ނޭމާވަނީ ބްރެޒިލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭރިއާ ތެރެއިން ނޭމާގެ ޖާޒީގައި ހިފައި ވައްޓާލުމާއި ގުޅިގެން ލިބުނު މިޕެނަލްޓީ ނޭމާ ކާމިޔާބުކޮށްފައިވަނީ މެޗުގެ 28 ވަނަ މިނެޓްގައެވެ.

މޮޅަށް ކުޅެމުންދިޔަ ބްރެޒިލް ހައިރާންކޮށްލުމަށްފަހު ދެވަނަ ފަހަރަށްވެސް ޕެރޫއިން ލީޑު ނެގީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ޓަޕިއާ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ރިޗާލިސަން ބްރެޒިލްއަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން އިރު، ނޭމާއަށް ކުރި ފައުލަކާއި ގުޅިގެން މެޗުގައި ލިބުނު ދެވަނަ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ފަހަރަށް ބްރެޒިލަށް ނޭމާ ލީޑު ނަގައިދިނީ މެޗުގެ 83 ވަނަ މިނަޓްގައެވެ.
ޕެރޫއަށް އިތުރަށް މެޗު އުނދަގޫވީ ކައިރިކައިރީގައި ޕެރޫގެ ދެކުޅުންތެރިންނަށް ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ.

ނޭމާގެ ތިން ވަނަ ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މިލަނޑަކީ ބްރެޒިލްގެ ރިބެއިރޯ ފޮނުވާލި ހަމަލާއެއް އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނޭމާ ކާމިޔާބުކުރި ލަނޑެކެވެ.

މިމޮޅާއެކު ބްރެޒިލަށް ތާވަލްގެ އެއްވަނަ އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާޖެންޓީނާއަށްވެސް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު ބްރެޒިލްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތާވަލްގެ ތިންވަނައިގައި ކޮލަމްބިއާ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ.