ދުނިޔެ

އިންސާނީ ހައްޤުތަކާއި ބެހޭ މަޖިލީހުން ސައުދީ ބޭރުވެ ޗައިނާއާއި ރަޝިޔާ އައު ދައުރަކަށް


އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ އައު ދައުރަށް ޗައިނާއާއި ރަޝިޔާ ހިމެނޭ ގޮތަށް މެންބަރު ޤައުމުތައް އައްޔަނުކޮށްފިއެވެ. 193 މެންބަރުންގެ މައްޗަށް އެކުލެވޭ އދ.ގެ ޢާންމު މަޖިލީހުން އިންސާނީ ހައްޤުތަކާއި ބެހޭ މަޖިލީހަށް ޗައިނާއާއި ރަޝިޔާ ހޮވާފައިވަނީ ސިއްރު ވޯޓެއް މެދުވެރިކޮށެވެ.

އދ.ގެ ޢާންމު މަޖިލީހުން 47 މެންބަރުންގެ މައްޗަށް އެކުލެވޭ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ މެންބަރު ޤައުމަކަށް ޗައިނާއާއި ރަޝިޔާގެ އިތުރުން އައިވަރީ ކޯސްޓު، ގަބޮން، މަލާވީ، ކިއުބާ، ބޮލީވިއާ، އެޒުބަކިސްތާނު، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތްވެސްވަނީ ހޮވައިފައެވެ. އޭގެ އިތުރުން ތިން އަހަރުގެ ދެވަނަ ދައުރަކަށް ސެނެގަލް، ނޭޕާލް، ޕާކިސްތާނު، ޔުކްރެއިން އަދި މެކްސިކޯވެސްވަނީ ހޮވައިފައެވެ. ކޮންމެ ޤައުމަކަށްވެސް އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގައި ދެމިހުރެވޭނީ ޖެހިޖެހިގެން ދެ ދަޢުރަށެވެ.

ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގެ މަންދޫބުން އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގައި ތަމްސީލުކުރާކަން ޔަޤީންކުރުމަށް އެ މަޖިލީހުގެ ގޮނޑިތައް ބަހާފައިވަނީ ސަރަޙައްދުތަކަށް ބަހާލައިގެންނެވެ. މިފަހަރުގެ ވޯޓުގައި އެ މަޖިލީހަށް މެންބަރު ޤައުމެއް ހޮވުމުގައި ވާދަވެރިކަން އެންމެ ބޮޑުވީ އޭޝިޔާ ޕެސިފިކް ސަރަޙައްދަށެވެ. ސަޢުދީ ޢަރަބިއްޔާ ހިމެނޭގޮތަށް ފަސް ޤައުމަކުން އެ ސަރަޙައްދަށް ކަނޑައަޅާފައިވާ ހަތަރު ގޮނޑިއަށް ވާދަކޮށްފައިވާއިރު ގޮނޑިއެއް ކާމިޔާބުކުރުމުގައި ސަޢުދީ ޢަރަބިއްޔާއިންވަނީ ނާކާމިޔާބުވެފައެވެ.

އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ މި ދިޔަ ދައުރަށް 2016ވަނަ އަހަރުގައި ސަޢުދީ ޢަރަބިއްޔާ ހޮވުނީ 152 ވޯޓު ލިބިގެންނެވެ. ނަމަވެސް އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު ނެގި ވޯޓުގައި އެ ޤައުމަށް ލިބިފައިވަނީ 90 ވޯޓެވެ. އެއީ ކުރީ ދަޢުރުގެ ވޯޓުލުމާ އަޅައި ބަލާއިރު 40 އިންސައްތަ މަދު ޢަދަދެކެވެ.

ހިއުމަން ރައިޓްސް ވޮޗުގެ އދ.ގެ ޑިރެކްޓަރު ލުއިސް ޗާބޮނީ ވިދާޅުވީ ގޮނޑިއެއް ކާމިޔާބުކުރުމުގައި ސަޢުދީ ޢަރަބިއްޔާއިން ނާކާމިޔާބުވުން ދައްކުވައިދެނީ އދ. ގެ އިންތިޚާބުގައި ވާދަވެރިކަމުގެ މުހިންމުކަންކަމަށެވެ. އިތުރު ޤައުމުތަކުން ވާދަކުރިނަމަ ޗައިނާއާއި ކިއުބާއާއި ރަޝިޔާއަށް ގޮނޑި ކާމިޔާބުކުރުމުގައި ގޮންޖެހުންތައް ހުރީސްކަމަށް އޭނާ ވިދާޅުވިއެވެ.

އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ މެންބަރުކަމަށް ޗައިނާ މި އަހަރު ހޮވުނީ 139 ވޯޓު ލިބިގެންނެވެ. ނަމަވެސް އެ ޢަދަދަކީ 2016ވަނަ އަހަރު އެ ޤައުމަށް ލިބުނު ވޯޓުގެ ޢަދަދާބަލާއިރު 20 އިންސައްތައަށްވުރެ ބޮޑު ދަށްވުމެކެވެ. ސަޢުދީ ޢަރަބިއްޔާއާއި ޗައިނާއާ ދެ ޤައުމަކީވެސް އިންސާނީ ހައްޤުތަކާއި ބެހޭ ކަންކަމުގައި ބައިނަލްއަޤްވާމީ ފާޑުކިޔުން ރައްދުވެފައިވާ ދެ ޤައުމެވެ.

ހުޅަނގުގެ ޤައުމުތަކުންވަނީ އުއިގަރ މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ޢަމަލުކުރަމުންދާ ގޮތް ކުށްވެރިކޮށްފައެވެ. އަދި ޑިމޮކްރަސީއަށް ގޮވާލައި ހޮންގު ކޮންގުގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ޗައިނާއިން ޢަމަލުކޮށްފައިވާ ގޮތަށްވެސްވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އިސްރާއީލާ ދެކޮޅަށް ތަފާތުކުރާކަމަށާއި އިސްލާހީ ބަދަލުތައް ގެނެސްފައިނުވާކަމަށް ބުނެ 2018ވަނަ އަހަރުގެ ތެރޭގައި އިންސާނީ ހައްޤުތަކާއި ބެހޭ މަޖިލީހުން ވަކިވެފައިވާ އެމެރިކާއިންވަނީ އެ މަޖިލީހުގެ މެންބަރުންގެ ނަށް ހޮވުނު ޤައުމުތަކާއި މެދު ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ވިދާޅުވީ އިންސާނީ ހައްޤުތަކާ ޚިލާފުވުމުގެ ރެކޯޑު އޮތް ޤައުމުތަކެއް އެ މަޖިލީހަށް އަނެއްކާވެސް އައްޔަނުކޮށްފައިވާކަމަށާއި އެ ނިންމުންތަކުގެ ސަބަބުން އެ މަޖިލީހުން ވަކިވުމަށް އެމެރިކާއިން ނިންމި ނިންމުމަށް ބާރުދޭކަމަށެވެ.