ދުނިޔެ

ލުބުނާނުގެ ގޮވުންތައް، ގަސްތުގައި ދީފައިވާ ޙަމަލާއެއް ނޫންކަމަށް ބެލެވޭ


އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގައި ހިންގި ބޮޑު ގޮވުންތައް ދިމާވި ސަބަބު ހޯދިފައިނުވާކަމަށް އެމެރިކާގެ ޖާސީސީ އިދާރާ، އެފްބީއައިއިން ބުނެފިއެވެ.

ބައިރޫތުގެ މައި ބަނދަރު ކައިރީގައި ހުންނަ ގުދަނެއްގައި ހިންގި ނުރައްކާތެރި ހާދިޘާގައި 200 އެއްހާ މީހުން މަރުވެ 6000 އަށް ވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ. ބިލިއަނުން ޢަދަދުކުރެވޭ ގެއްލުންތަކާއެކު ބައިރޫތުގެ ބޮޑު ސަރަޙައްދެއްވަނީ ބިމާ ހަމަވެފައެވެ.

އެ ގޮވުންތަކުގެ އަސްލަކީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި ގުދަންކޮށްފައިހުރި 2،750 ޓަނުގެ އެމޮނިއަމް ނައިޓްރޭޓެވެ.
އެ ގޮވުންތައް ތަހުޤީޤުކުރުމުގައި ބައިވެރިވެފައިވާ އެފްބީއައިއިން ބުނީ ގުދަންކޮށްފައި ހުރި ކެމިކަލުގައި ރޯވުމަށް ދިމާވި ސަބަބު ޔަޤީންކޮށް ހޯދިފައިނުވާކަމަށެވެ. ނަމަވެސް އެ ހާދިޘާއަކީ ގަސްތުގައި ދީފައިވާ ޙަމަލާއެއް ނޫންކަމަށް ތަހުޤީޤުގައި ބައިވެރިވާ އެމެރިކާ އަދި ވިލާތުގެ އެހެން އިދާރާތަކުން ޤަބޫލުކުރެއެވެ.

އެފްބީއައިގެ ތަރުޖަމާނަކު ވިދާޅުވީ ގޮވުންތައް ދިމާވި ސަބަބުކަމުގައި އެއްވެސް ކަމެއް މިހާތަނަށް ނިންމާފައި ނުވާކަމަށެވެ. އެފްބީއައިއިން ކުރިން ނެރެފައިވާ ބަޔާނަކަށް ޙަވާލާދެއްވާ އޭނާ ވިދާޅުވީ ލުބުނާނުގެ ކަމާބެހޭ ފަރާތްތަކަށް ތަހުޤީޤުގައި އެހީތެރިކަން އެފްބީއައިގެ ފަރާތުން ފޯރުކޮށްދޭނެކަމަށެވެ. ގޮވުންތަކާއި ބެހޭ އިތުރު ސުވާލު ހުރިނަމަ ލުބުނާނުގެ އިދާރާތަކާއި އެ ސުވާލުކުރުމަށް އޭނާ ވިދާޅުވިއެވެ.

ގޮވުންތަކާއި ގުޅޭގޮތުން އެފްބީއައިއިން ތައްޔާރުކޮށްފައިވާ ރިޕޯޓު ލުބުނާނުގެ ފަނޑިޔާރަކަށް ހުށަހަޅާފައިވާކަމަށް އެ ޤައުމުގެ ނޫސްތަކުގައިވަނީ ބުނެފައެވެ. ނަމަވެސް އެ ރިޕޯޓުތަކާއި ގުޅޭ ތަފްޞީލެއް އެފްބީއައިގެ ފަރާތުން ދީފައެއް ނުވެއެވެ.
އެމެރިކާގެ ސަރުކާރަށް ނިސްބަތްވާ ބައެއް މަސްދަރުތަކުން ބުނީ އެމެރިކާގެ އިދާރާތަކަށް ބޮޑަށް ބުރަވެވެނީ ގޮވުންތަކަކީ ގަސްތުގައި ދީފައިވާ ޙަމަލާއެއް ނޫންކަމަށެވެ. ވިލާތުގެ ރަސްމީ މަސްދަރަކުންވެސް ބުނީ ވިލާތުގެ އިދާރާތަކަށްވެސް ޤަބޫލުކުރެވެނީ އެ ހާދިޘާއަކީ އެކްސިޑެންޓެއްކަމަށެވެ.