ޚަބަރު

ދައުލަތުގެ ދަރަނި އެންމެ ބޮޑުވެފައިވަނީ 2015ވަނަ އަހަރާއި 2018ވަނަ އަހަރާ ދެމެދު - އޮޑިޓް


ޤައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއާ އަޅާބަލާއިރު ރާއްޖޭގެ ދަރަނި އެންމެ ބޮޑުވާން ފަށާފައިވަނީ 2015ވަނަ އަހަރުގެ ފަހުންކަމަށް އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަކަށް އޮޑިޓް އޮފީހުން ހެދި 2018ވަނަ އަހަރުގެ ދައުލަތުގެ ދަރަންޏާގުޅޭ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ދައުލަތުގެ ދަރަނި ހުންނަންޖެހޭނީ ޖީޑީޕީއާ އަޅާބަލާއިރު 60 އިންސައްތައިން ދަށުގައިކަމަށެވެ. ނަމަވެސް އެނިސްބަތް 2014ވަނަ އަހަރު 57 އިންސައްތާގައި ހުރުމަށްފަހު އިތުރުވާން ފަށާފައިވާކަމަށާ، 2015ވަނަ އަހަރު ޖީޑީޕީއާ އަޅާބަލާއިރު ދަރަނި ހުރީ 56 އިންސައްތާގައިކަމަށެވެ. އަދި 2016ވަނަ އަހަރު އެޢަދަދު 64 އިންސައްތައަށް އިތުރުވިކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. 2018ވަނަ އަހަރު އެނިސްބަތް 71 އިންސައްތައަށް އިތުރުވެގެން ގޮސްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން 2014ވަނަ އަހަރު ދައުލަތުގެ ދަރަނި ހުރީ 1.8 ބިލިއަން ރުފިޔާގައިކަމަށާ، ނަމަވެސް އެޢަދަދު އިތުރުވަމުން ގޮސް 2018ވަނަ އަހަރު 3.08 ބިލިއަނަށް އަރާފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. އެއީ 1.27 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ރާއްޖޭގެ ދަރަނި ބޮޑަށް އިތުރުވެގެން ދިޔަ ސަަބަބެއްކަަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މަޖިލީހުން ފާސްކުރާ މިންވަރަށްވުރެ ބަޖެޓް ޑެފިސިޓް އެއަހަރުތަކުގައި އިތުރުވެގެން ދިއުމެވެ. އެގޮތުން ދަރަނި މެނޭޖު ނުކުރެވި އިތުރުވަމުން ގޮސްފައިވާއިރު، 2014ވަނަ އަހަރު ފިޔަވައި ހުރިހާ އަހަރަކު ފާސްކުރި ބަޖެޓަށްވުރެ ދަރަނި އިތުރުވެފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

2014ވަނަ އަހަރު ފާސްކުރި ބަޖެޓްގައި، ބަޖެޓު ޑެފިސިޓް ވާނެކަމަށް ލަފާކޮށްފައިވަނީ 1.29 ބިލިއަން ގައިކަމަށްވިޔަސް އެއަހަރު ޑެފިސިޓް ވެފައިވަނީ 1.25 ބިލިއަން ރުފިޔާއިންނެވެ. ނަމަވެސް އެދަރަނި އިތުރުވަމުން ގޮސް 2015ވަނަ އަހަރު ފާސްކުރި ބަޖެޓުގައި ޑެފިސިޓް ލަފާކޮށްފައިވަނީ 1.5 ބިލިއަން ކަމުގައިވިޔަސް އެއަހަރުގެ ބަޖެޓް ޑެފިސިޓް 4.1 ބިލިއަން ރުފިޔާއަށް އިތުރުވެގެން ދިޔަކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި 2016ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 6.7 ބިލިއަނަށް އެރިކަމަށްވެސް ބުނެފައިވެއވެެ. މީގެ އިތުރުން 2017ވަނަ އަހަރު ދައުލަތުގެ ބަޖެޓަކީ އަރަނި ބަޖެޓެއްކަމަށް އަމަޒުހިފާފައި ހުރިނަަމަވެސް އެއަހަރުގެ ޑެފިސިޓް 2.2 ބިލިއަށް ބޮޑުވެގެންދިޔަކަން ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ ދަރަނި ބޮޑުވާ މައްސަލަ ހައްލުކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވާ ކަންކަމުގެ ތެރޭގައި ފިސްކަލް ޕޮލިސީއާ އެއްގޮތަށް ދައުލަތުގެ އާމްދަނީ ބިލްތައް ހަދައި ތަންފީޒްކުރުމާއި، ޕީއެސްއައިޕީ މަޝްރޫޢުތަައް ފައިސާ ނުލިބެނީސް ނުފެށުން ހިމެނެއެވެ. އަދި ވަކިކަމަކަށް ބަޖެޓުގައި ކަނޑައަޅަފައިވާ ފައިސާ އެކަމަކަށް ޚަރަދުކުރުމާއި އެހެންކަމަކަށް އެބަޖެޓް ޚަރަދުކުރާނަމަ އެކަން ރަނގަަށް ރެގިއުލޭޓްކުރުންވެސް ހިމެނެއެވެ.

ކޯވިޑް-19އާ ގުޅިގެން ދައުލަތުގެ ދަރަނި އިތުރުވެފައިވާއިރު ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް އިތުރުވެފައިވަނީ 2014 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ވަނީ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީން ރިޕޯޓެއް އެކުލަވާލާނެކަމަށާ، އެއިން ކުރިއަށް އޮތް 3 އަހަރު ދައުލަތުގެ ދަރަނި ދެއްކުމުގައި ހޭދަވާނެ މިންވަރު ދެނެގަނެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.