ކުޅިވަރު

ފްރެންޗް އޯޕަން ޓެނިސް މުބާރާތް ރަފައެލް ނަޑާލް ކާމިޔާބުކޮށްފި


ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ރަފައެލް ނަޑާލް 20 ގްރޭންޑް ސްލޭމް ތަށި ހޯދައިގެން ރޮޖާ ފެޑެރާ ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފިއެވެ.

މިއީ ރަފައެލް ނަދާލް ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރި 13 ވަނަ ފަހަރެއެވެ.

ފްރެންޗް އޯޕަންގެ ފައިނަލުގައި ވާދަކޮށް ނަޑާލް މޮޅުވީ ޖޮކޮވިޗް އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ދެ ސެޓު ނަޑާލް ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެ ދެ ސެޓު ނަޑާލް ގެންދިޔައީ 6-0 އަދި 6-2 އިންނެވެ.

ކުރީ ދެ ސެޓަށްވުރެ ތިންވަނަ ސެޓުގައި ޖޮކޮވިޗްގެ ކުޅުން ރަނގަޅުކުރިތަން ފެނުނެވެ. ނަމަވެސް ދެ ޕޮއިންޓުގެ ފަރަގަކާއެކު މި ސެޓު ނަޑާލް ކާމިޔާބުކުރީ 7-5 އިންނެވެ.

މި ކާމިޔާބީއާ އެކު ނަޑާލް ވަނީ ފްރެންޗް އޯޕަންގައި 100 މޮޅު ހަމަކޮށްފައެވެ. އޭނާ ފްރެންޗް އޯޕަންގައި ބަލިވީ ދެ މެޗުންނެވެ. އޭގެ ތެރެއިން އެއް މެޗުން ބަލިވީ ޖޮކޮވިޗް އަތުންނެވެ. ނަޑާލް ބުނީ އެހެން އަހަރުތަކާ ހިލާފަށް މި ފަހަރުގެ މުބާރާތް އޭނާ އަށް ތަފާތު ކަމަށާއި މި ލެވަލްގައި ހިފެހެއްޓުނީ ވަރަށް މަސައްކަތުން ކަމަށެވެ.

މުބާރާތުގެ ފައިނަލަށް ނަޑާލް ދަތުރުކުރީ ސައްތައިން ސައްތަ ރިކޯޑަކާ އެކުގައެވެ. އަދި މިއީ ނަޑާލް މި މުބާރާތުގެ ފައިނަލުގައި ޖޮކޮވިޗް ބަލިކުރި ތިންވަނަ ފަހަރެވެ.