ކުޅިވަރު

ފަހަތުން އަރައި ބެލްޖިއަމް ބަލިކޮށް އިންގްލެންޑް އެއްވަނައަށް


ޔޫއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމްގެ މައްޗަށް ކުރިހޯދާ އިންގްލޭންޑުން ގްރޫޕް 2 ގެ އެއްވަނައަށް ޖެހިލައިފިއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު އިންގްލޭންޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށުމާއެކު ވަރުގަދަ ބެލްޖިއަމުން އިންގްލޭންޑަށް ނުރައްކާ ކުރަން ފެށިއެވެ. އެގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ބެލްޖިއަމުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި ބެލްޖިއަމްއަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮމަލޫ ލޫކާކޫއެވެ. މިއީ ބެލްޖިއަމް ޤައުމީ ޓީމަށް ލުކާކޫ ކާމިޔާބުކޮށްދިން 53 ވަނަ ލަނޑެވެ. އަދި އެންމެފަހުން ބެލްޖިއަމްއަށް ކުޅެދިން 11 މެޗުން ލުކާކޫވަނީ 13 ލަނޑު ކާމިޔާބުކޮށްފައެވެ.

ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލޭންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އިންގްލެންޑުންވެސް މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެއެވެ. މެޗުގެ 39 ވަނަ މިނެޓުގައި މި ޕެނަލްޓީ އިންގްލެންޑަށް ކާމިޔާބުކޮށްދިނީ މެންޗެސްޓާރ ޔުނައިޓެޑްގެ ފޯވާޑް ރަޝްފޯޑްއެވެ.

މެޗުގައި އިންގްލެންޑުން މޮޅުވި ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. މި ލަނޑު އިންގްލެންޑަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެއެވެ.

މިމޮޅާއެކު އިންގްލޭންޑުން ގްރޫޕްގެ އެއްވަނައިގައި އޮތީ 7 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ބެލްޖިއަމްއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. އަދި 4 ޕޮއިންޓާއެކު ތިން ވަނާގައި ޑެންމާކް އޮތްއިރު ފުލުގައި އޮތް އައިސްލޭންޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.