ކުރިޔަށްއޮތް އީދުބަންދާ ގުޅިގެން މާލޭގެ ސަލާމަތްތެރިކަން
ބެލެހެއްޓުމުގެ ގޮތުން މިއަދުން ފެށިގެން
ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާނެކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި
މައުލޫމާތުދެއްވަމުން ފުލުހުން ބުނީ މި އީދުބަންދުގެ ތެރޭގައި މަގުމަތީގައި
ވެހިކަލް ޗެކްޕޮއިންޓް ޖަހައިގެން މަގުމަތީ ދުއްވާ އުޅަނދުފަހަރު ބަލާ ފާސްކުރުމާ،
މެންދަމު އެއްގަޑި ސުންމިނެޓްގެ ފަހުން މަގުމަތީގައި އުޅޭ ފަރާތްތަކާ ސުވާލުކޮށްހަދަމުންދާނެކަމަށެވެ.
މި ބަންދާ ދިމާކޮށް މުޅިގެ ހުސްކޮށްފައި މާލެއިން ބޭރަށް
ރަށްރަށަށް ދާ ފަރާތްތަކުންވެސް ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލުންފަދަ
ކަންކަންމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ. މި
ޕްރެސް ކޮންފަރެންސްގައި މައުލޫމާތުދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް
ޕޮލިސް އަބުދުﷲ ޝަރީފް ވިދާޅުވީ މިގޮތަށް މުޅި ގެ ހުސްކޮށްފައި ދާނަމަ އެ
މައުލޫމާތު އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަށް ޙިއްޞާކޮށްފައި ދިއުމަށް
ފުލުހުން އެދޭކަމަށެވެ.
މީގެ އިތުރުން އެކި ކުންފުނިތަކާ އޮފީސްތަކުގައި
ވިޔަފާރިތައް ހިންގާ ފަރާތްތަކުން މިބަންދުތެރޭގައިވެސް އެތަންތަން ރަނގަޅަށް
ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށާ، ތަންތަނުގައި ފޯރިމަރަން ތިބޭ
ގާޑުންނަށްވެސް ފުލުހުންނާ ގުޅޭގެ ނަމްބަރުތައް ޙިއްޞާކޮށްފައި ބެހެއްޓުމަށް
ފުލުންވަނީ އިލްތިމާސްކޮށްފައެވެ.
މި ޕްރެސް ކޮންފަރެންސްގައި މައުލޫމާތުދެއްވަމުން ޗީފް
އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް އިޔާޒް ވިދާޅުވީ އީދު ބަންދާގުޅިގެން ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް
ބެލުމުގެ ގޮތުންވެސް ޚާއްޞަ މަސައްކަތްތަކެއް
ފުލުހުންގެ މެރިސްޕޮލިސްއިން ކުރަމުންދާނެކަމަށެވެ. އިޔާޒް ވިދާޅުވީ އުޅަނދުފަހަރަށް
އަރަނީ ކިހާ މީހުނެއްކަން އެއުޅަނދެއްގެ ގެންގުޅުއްވާ ފަރާތަކުން ބަލަހައްޓަވަމުން
ގެންދިއުން މުހިންމުކަމަށާ އަދި އުޅަނދުން ދަތުރުކުރާ ފަރާތްތަކުންވެސް އެމީހަކު
އެ އަރާ އުޅަދަކީ ސަލާމަތީކަންކަން ރަނގަޅަށް ހުރި އުޅަނދެއްތޯ ޔަގީންކުރެއްވުމަށް
ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ.
ފުލުހުންބުނީ
އީދުބަންދުތެރޭގައިޚާއްޞަކޮށް އީދުކުޅިވަރު ކުލަގަދަކޮށް ފާހަގަކުރާ ރަށްރަށުގައި
ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން މަސައްކަތްތަކެއް ފުލުހުން ކުރަމުންދާނެކަމަށް
އަދި އަތޮޅުތެރޭގެ ރަށްރަށުގެ ކައުންސިލްތަކާގުޅިގެން "
އީދުއެކުވެރިކަމުގެ" ނަމުގައި ފުލުހުން ހަރަކާތްތަކެއް ކުރިޔަށްގެންދާނެކަމަށެވެ.