ދުނިޔެ

އަރުމޭނިއާއާއި އަޒަރުބައިޖާނުން ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް ހިޔަނި އެޅިއްޖެ


އަރުމޭނިއާއާއި އަޒަރުބައިޖާނުގެ ދެމެދުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ޤައުމުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ދެ ފަރާތުންވެސް ޙަމަލާދެމުންދާކަމުގެ ތުހުމަތާއެކު އެއްބަސްވުމަށް ހިޔަނި އެޅިއްޖެއެވެ.

ޒަމާންވީ ނަގޮރުނާ-ކަރަބަޚްގެ މައްސަލައިގައި ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހުން ފެށިގެން އަރުމޭނިއާއާއި އަޒަރުބައިޖާނުންވަނީ ވަރުގަދަ ޙަމަލާތައް ބަދަލުކޮށްފައެވެ. އެ ޙަމަލާތަކުގައި 300 މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުންވަނީ ޒަހަމްވެފައެވެ. ރަޝިޔާ މެދުވެރިވެ ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަކާއި ހަމައަށް އައީ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހުގައެވެ. ނަމަވެސް އެއްބަސްވުން ތަންފީޒުކުރުމުގެ 24 ގަޑިއިރުގެ ތެރޭގައި އަނެއްކާވެސްވަނީ ޙަމަލާބަދަލުކުރަން ފަށައިފައެވެ.

ޙަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމާ ޚިލާފަށް ޙަމަލާދީފައިވާކަމަށް ފުރަތަމަ ބުނީ އަޒަރުބައިޖާނުންނެވެ. އެ ޤައުމުން ބުނީ އެ ޤައުމުގެ ގަންޖާ ކިޔާ މީހުން ދިރިއުޅޭ ސަރަޙައްދަކަށް އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހު އަރުމޭނިއާއިން ޙަމަލާ ދީފައިވާކަމަށެވެ. އެ ޙަމަލާގައި ނުވަ މީހުން މަރުވެ 34 މީހުން ޒަޚަމްވެފައިވާކަމަށް އެ ޤައުމުން ބުނެއެވެ. އެއަށްފަހު އަރުމޭނިއާއަށް އަމާޒުކޮށް އެ ޤައުމުން ވައިގެ ޙަމަލާތަކެއް ދީފައިވާކަމަށް އެ ޤައުމުން ބުނެއެވެ. ނަމަވެސް ނަގޮރުނާ-ކަރަބަޚުން ބުނީ އެފަދަ ޙަމަލާއެއް ދީފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށެވެ. އަރުމޭނިއާއިން ޖަންޖާއަށް ޙާމަލާ ދީފައި ނުވާކަމަށާއި އެއީ ހަޤީޤަގެއް ނެތް ވާހަކަތަކެއްކަމަށް އަރުމޭނިއާގެ ދިފާޢީ ވުޒާރާއިންވަނީ ބުނެފައެވެ. އޭގެ ބަދަލުގައި އެއްބަސްވުމާއި ޚިލާފަށް ޙަމަލާދެމުންދަނީ އަޒަރުބައިޖާނުންކަމަށް އެ ޤައުމުން ތުހުމަތުކުރެއެވެ.

1990ގެ އަހަރުތަކުގައި އަޒަރުބައިޖާނާއި އަރުމޭނިއާއިންވަނީ ނަގޯރުނޯ-ކަރަބާޚްގެ މައްސަލައިގައި ހަނގުރާމަކޮށްފައެވެ. ހަނގުރާމައިގެ ތެރޭގައި 1991ވަނަ އަހަރުގައި ނަގޯރުނޯ-ކަރަބާޚްގައިވަނީ އަމިއްލަ ވެރިކަމެއް ޤާއިމްކޮށްފައެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ޤައުމުން 1994ވަނަ އަހަރުގައިވަނީ އެއްބަސްވެފައެވެ. އެއަށްފަހު ސަރަޙައްދު އޮންނަނީ އަޒަރުބައިޖާނުގެ ބައެއްގެ ގޮތުގައި ނަމަވެސް އެ ސަރަޙައްދު އޮންނަނީ އަރުމޭނިއާގެ ބާރުގެ ދަށުގައެވެ. އެ މައްސަލައިގައި އަލުން ޙަމަލާބަދަލުކުރަން ފެށުމުން އެ މައްސަލަ ސަރަޙައްދީ ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރުއޮތީ ހީވެފައެވެ.