ދުނިޔެ

އެމެރިކާގެ ފައުޖުތަކަށް ޢިރާޤުގެ ހަނގުރާމަވެރި ދެމުންދިޔަ ޙަމަލާތައް ހުއްޓާލައިފި


އީރާނުގެ ވާގިވެރިކަމާއެކު ޢިރާޤުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން އެ ޤައުމުގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ޙަމަލާދިނުން ހުއްޓާލައިފައިވާކަމަށް ބުނެފިއެވެ. ޢިރާޤުގައި ޙާރަކާތްތެރިވާ އެންމެ ވަރުގަދަ ހަނގުރާމަވެރި ޖަމާޢަތް، ކަތާއިބު ހިޒްބުﷲގެ ތަރުޖަމާނު މުޙައްމަދު މޯހީ ބުނީ ޢިރާޤުގެ ސަރުކާރަށް ޝަރުތުތަކެއްކޮށް، އެ ޝަރުތުތަކާ އެއްގޮތަށް ސަރުކާރުން ޢަމަލުކުރަމުންދާނަމަ ޙަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް ހަނގުރާމަވެރި ޖަމާޢަތްތަކުން ހުށަހަޅާފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ޖަމާޢަތްތަކެއްކަމެއް އެނާ ނުބުނެއެވެ.

މޯހީ ބުނީ އިރާޤުގައި ތިބި އެމެރިކާގެ ސިފައިން ޤައުމުން ފައިބާނެ މުއްދަތުގެ ތާވަލެއް ހުށަހެޅުމަށް އިރާޤުގެ ސަރުކާރަށް ޝަރުތުކޮށް އެމެރިކާގެ އަސްކަރީ ބާރުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް މެދުކަނޑާލައިފައިވާކަމަށެވެ. ޢިރާޤުން އަސްކަރީ ފައުޖުތައް ފޭބުމަށް ވަކި މުއްދަތެއް ހުށަހަޅާފައި ނުވާނަމަވެސް އެމެރިކާގެ ސިފައިން ޢިރާޤުގައި މަޑުކުރާނަމަ އިތުރު ޙަމަލާތައް ދޭނެކަމުގެ އިންޒާރު އޭނާ ދިނެވެ.

ޢިރާޤުގައި ތިބި އެމެރިކާގެ ސިފައިންނާއި އެހެނިހެން ގުޅިފައިވާ ފައުޖުތައް އެ ޤައުމުން ފޮނުވާލުމަށް މި އަހަރުގެ ކުރީކޮޅުގައި ޢިރާޤުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި ފާސްކުރުން ސަރުކާރުން ތަންފީޒުކުރަން ޖެހޭނެކަމަށް އޭނާ ބުނެއެވެ.

އެމެރިކާއިން ކުރަމުންދާ 'ނިމުމެއް ނެތް' ހަނގުރާމަތައް ހުއްޓުމަކަށް ގެނެސް ބޭރުގެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ އަސްކަރީ ފައުޖުތައް އަނބުރާ ޤައުމަށް ގެނައުމަކީ 2016ވަނަ އަހަރު އެމެރިކާގެ ރައީސްގެ މަޤާމަށް ހޮވިވަޑައިގެން ރައީސް ޑޮނަލްޑު ޓުރަންޕުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާއިންވަނީ ޢިރާޤުގައި ތިބި އެ ޤައުމުގެ ސިފައިންގެ ޢަދަދު 5200އިން 3،000 މަދުކުރާނެކަމަށް ރަސްމީކޮށް އިޢުލާނުކޮށްފައެވެ. ނަމަވެސް ޢިރާޤުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދެމުންދާ ރޮކެޓާއި ބޮމުގެ ޙަމަލާތައް ހުއްޓުވުމަށް ޢިރާޤުގެ ސަރުކާރުން ނުކުޅެދިއްޖެނަމަ އެ ޤައުމުގައި ހުރި އެމެރިކާގެ އެމްބަސީ ބަންދުކުރާނެކަމުގެ އިންޒާރު އެމެރިކާއިންވަނީ ދީފައެވެ.

އެމެރިކާގެ އެ އިންޒާރާއެކު އެ ޤައުމުގެ އަސްކަރީ ފައުޖުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ހުއްޓާލުމަށް ގިނަ ޢަދަދެއްގެ ސިޔާސީ ފަރާތްތަކުންވަނީ ހަނގުރާމަވެރި ޖަމާޢަތްތަކަށް ގޮވާލައިފައެވެ.