ވަރލްޑް ކަޕް ކޮލިފައިންގައި ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި 5-0 އިން ބޮލީވިއާ ގެ މައްޗަށް ކުރި ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބްރެޒިލުން ޖެހި ފަސް ލަނޑުގެ ތެރެއިން ރޮބާޓޯ ފިރްމީނޯ ވަނީ ދެ ލަނޑު ޖަހާފައެވެ. އަނެއް ތިން ލަނޑުގެ ތެރެއިން އެއް ލަނޑަކީ ބޮލީވިއާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެއެވެ. ފިރްމީނޯގެ އިތުރުން ބްރެޒިލަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މާކީނިއޯސް އާއި ކުޓީނިއޯއެވެ.
ރޭގެ މެޗުގައި ލަނޑެއް ނުޖެހުނު ނަމަވެސް ނޭމާ ވަނީ މޮޅު ކުޅުމެއް ދައްކައި ދެ ގޯލު ޖަހަން އެހީތެރިވެދީފައެވެ.
ކޮލިފައިންގެ ފުރަތަމަ މެޗުގައި ކޮލަމްބިއާ އިން ރޭ ވަނީ 3-0 އިން ވެނަޒުއޭލާ ބަލިކޮށްފައެވެ. މެޗުގައި ކޮލަމްބިއާގެ ލުއިސް މުރިއެލް ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ޖެހީ ޑުވާން ޒަޕާޓާއެވެ.
ދިހަ ގައުމު ހިމެނޭ ދެކުނު އެމެރިކާގެ ކޮލިފައިން ބުރުން ވަރލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭނީ ދެ ލެގުގެ މެޗުތަކަށް ފަހު އެންމެ ކުރި ހޯދާ ހަތަރު ގައުމަށެވެ. ފަސް ވަނަ ޓީމާއި ހަ ވަނަ ޓީމު ވާދަކުރާނީ ޕްލޭއޮފްގައެވެ. ފުރަތަމަ މެޗުތައް ނިމުނުއިރު ބްރެޒިލް، ކޮލަމްބިއާ، އުރުގުއޭ އަދި އާޖެންޓީނާ ވަނީ ތިން ޕޮއިންޓް ހޯދައިފައެވެ.
ކޮލިފައިންގައި އާޖެންޓީނާ އިން 1-0 އިން އިކުއެޑޯ ބަލިކުރިއިރު ޗިލީއާ ވާދަކޮށް އުރުގުއޭ މޮޅުވީ 2-1 އިންނެވެ.
މި ސަރަހައްދުގެ ކޮލިފައިން މެޗުތައް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހުގެރެއެވެ. އެރޭ ބްރެޒިލުން ރަށުން ބޭރުގައި ޕެރޫއާ ދެކޮޅަށް ނުކުންނައިރު ބޮލީވިއާގެ ދަނޑުގައި އެޓީމު ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.