ވިޔަފާރި

ފަތުރުވެރިންނަށް ޚާއްސަ ކޯވިޑް އިންޝުއަރެންސް ޕްލޭނެއް ތަޢާރަފްކޮށްފި


އެލައިޑް އިންޝުއަރަންސާއި މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަ ކޯވިޑް އިންޝުއަރަންސް ޕްލޭނެއް ތަޢާރަފްކޮށްފިއެވެ.

އެލައިޑް އިންޝުއަރެންސާއި ޓުއަރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެ މުއައްސަސާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިންނަށް ހާއްސަ ކޯވިޑް އިންޝުއަރަންސް ޕްލޭން ލޯންޗުކޮށްދެއްވީ މިނިސްޓރ އޮފް ޓުއަރިޒަމް ޑރ.އަބްދުﷲ މައުސޫމްއެވެ.

އެލައިޑް އިންބައުންޑްގެ ނަމުގައި ތައާރަފުކޮށްފައިވާ އިންޝުއަރެންސަކީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ނުވަތަ އެހެނިހެން ބޭނުންތަކަށްވެސް ރާއްޖެ ޒިޔާރަތްކުރާ ފަރާތެއް ކޯވިޑްއަށް ފައްސިވުމުން އެކަހެރި ކުރުމަށާއި ބައްޔާއި ގުޅުންހުރި ކަންކަމަށް ހަރަދުވާ ފައިސާ ކަވަރު ކުރާ ޕްލޭނެކެވެ. އެގޮތުން ކޮވިޑަށް ފައްސިވުމުން، އެކަހެރިކުރުމަށް ދާ ދަތުރުފަތުރުގެ ހަރަދާއި އެކަހެރިވެ ހުންނަ މުއްދަތުގައި ބައްޔަށް ފަރުވާ ކުރަން ޖެހިއްޖެނަމަ އެކަމަށް ހަރަދުވާ ފައިސާގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއަށް ހޭދަވާ ފައިސާވެސް މިޕްލޭނުން ކަވަރު ކުރެއެވެ. ރާއްޖޭގެ ބޯޑަރުން އެތެރެވުމުގެ ކުރިން ނަގަން ޖެހޭ މިޕްލޭން ލިބެން ހުންނާނީ އޮންލައިންކޮށް އެލައިޑް ވެބްސައިޓުންނެވެ. އަދި މިހިދުމަތާއި ގުޅޭ އިތުރު ތަފުސީލްތައް އެލައިޑްގެ ވެބްސައިޓާއި ހިލޭ ގުޅޭ ހޮޓްލައިންއިން ލިބޭނެކަމަށް އެލައިޑުން މަޢުލޫމާތުދެއެވެ.

މިހިދުމަތާއި ގުޅިގެން ޓުއަރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ވިޔަފާރިތަކަށް އިތުރު އަސަރުތަކެއްނުކޮށް، ވިޔަފާރި އާއި މުޖުތަމައުގެ ރައްކާތެރިކަމާއިއެކު އޮޕަރޭޓްކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދިޔުމަކީ އެލައިޑުން މިހިދުމަތް ތައާރަފު ކުރުމުގެ މައިގަނޑު އެއް އަމާޒު ކަމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ޝަފާޒު ވިދާޅުވިއެވެ.
އެލައިޑުން ބުނީ ވަކި އުމުރެއް ނެތި، ރާއްޖެ ނޫން ކޮންމެ ގައުމެއްގެ ފަރުދަކަށްވެސް ނެގޭ ގޮތަށް ތައްޔާރު ކުރެވިފައިވާ މިޕްލޭން ބެހިފައިވަނީ ދެ ބަޔަކަށްކަމަށެވެ އެއީ އެލައިޑް އިންބައުންޑާއި އެލައިޑް އިންބައުންޑް ޕްލަސްއެވެ.

އެލައިޑުން މައުލޫމާތުދޭ ގޮތުގައި، މިޕްލޭން ތައްޔާރުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ހެޔޮ އަގެއްގައި ފަތުރުވެރިންނަށް މިޕްލޭން ލިބޭނެ ގޮތް ހެދުމަށެވެ. އެގޮތުން އެލައިޑުން ކަނޑައަޅާފައިވާ އަގުތަކަކީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ ހެޔޮ އަގުތައްކަން އެކުންފުނިން ފާހަގަކުރެއެވެ.