ޚަބަރު

އެދެވޭ ފިޔަވަޅު އެޅުނުނަމަ ވައިޓްހައުސްގައި ކޯވިޑް-19 ނުފެތުރުނީސް: ޑރ. ފައުޗީ


ވައިޓްހައުސްގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ފިޔަވަޅުތަކެއް އެޅުނީސްކަމަށް އެމެރިކާގެ ގައިންގަޔަށް އަރާ ބަލިތަކާބެހޭ މާހިރު ޑރ. އެންތޮނީ ފައުޗީ ވިދާޅުވެއްޖެއެވެ.

އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށާއި އަނބިކަންބަލުން މެލާނިޔާ ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަމަށްވަނީ އިޢުލާނުކޮށްފައެވެ. އޭގެ ފަހުން ވައިޓް ހައުސްގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށާއި ރައީސް ޓްރަންޕުގެ އަރިސް ބޭފުޅުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރޭގައި ވައިޓު ހައުސްގެ އިސް މުޝީރު ސްޓެފަން މިލާ، ރައީސް ޓްރަންޕުގެ ސްޕީޗުތައް ލިޔުއްވުމުގައި އިސްކޮށް އުޅުއްވާ މުވައްޒަފަކާއި އެހެން އިސް މުޝީރުންވެސް ހިމެނެއެވެ.

ކޯވިޑް-19އަކީ ހަޤީޤަތެއް ނޫންކަމަށް ޤަބޫލުކުރާ ގާތްތިމާގެ މީހުންނާ ބަލިން ރައްކާތެރިވާނެ ގޮތްތަކާގުޅޭގޮތުން ވާހަކަދެއްކިދާނެ ގޮތްތަކާ ގުޅޭގޮތުން އެމެރިކަން ޔުނިވާސިޓީގެ ކެނެޑީ ޕޮލިޓިކަލް ޔޫނިއަނުން ޑރ. ފައުޗީއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ މިދިޔަ ހަފުތާގެ ތެރޭގައި ވައިޓު ހައުސްގެ ޙާލަތު ބަދަލުވެފައިވާ ގޮތުގެ މައްޗަށް ބަލައިލުމަކީ މުހިންމުކަމެއްކަމަށެވެ. ވައިޓު ހައުސްގައި ހިންގަމުންދާ ކަންކަމަކީ ހަޤީޤަތެއްކަމަށާއި ވައިޓު ހައުސުން ބަލިޖެހިފައިވާ މީހުންގެ ޢަދަދުދަނީ ދުވަހުން ދުވަހަށް އިތުރުވަމުންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމާ ކޯވިޑް-19އަކީ އަސްލެއް ނޫންކަމަށް ނުބެލޭނެކަމަށާއި އެކަށީގެންވާ ފިޔަވަޅު އެޅިނަމަ އެ ޙާލަތަށް ނުދިޔައީސްކަމަށް ޑރ. ފައުޗީ ވިދާޅުވިއެވެ.

ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިތުރު ދަޢުރަކަށް ވާދަކުރައްވާ ޓްރަންޕު މީގެ ކުރިންވަނީ ކޯވިޑް-19އަކީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ބަލިފެތުރުން ހުއްޓުވުމަށް އަޅާ ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް ޢަމަލުނުކުރައްވާ ޞިއްޙީ މާހިރުންގެ ލަފަޔަށް ފަރުވާލެއް ނުބަހައްޓަވާ ބޭފުޅެއްގެ ގޮތުގައި ރައީސް ޓްރަންޕުވަނީ ފާހަގަވެފައެވެ. މާސްކު ބޭނުންކުރުމާ ދެކޮޅަށްވެސް އެކި ފަހަރުމަތިން އެމަނިކުފާނުވަނީ ވާހަކަދައްކަވާފައެވެ. ކޯވިޑް-19 ޖެހުނުފަހުންވެސް ބައެއް ޙާލަތްތަކުގައި މާސްކު ބޭނުންކުރައްވާފައިނުވާތީ އެމަނިކުފާނަށްވަނީ ފާޑުކިޔުން ރައްދުވެފައެވެ. އޭގެ އިތުރުން ކޯވިޑް-19ދެކެ ގަންނަ ބިރެއްގެ ސަބަބުން ޤައުމު ހުއްޓުމަކަށް ނުގެނެވޭނަކަމަށާއި ބައްޔާ ކުރިމަތިލާންޖެހޭކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ނަމަވެސް ކޯވިޑް-19އާ ގުޅޭގޮތުން ޑރ. ފައުޗީ ޤަބޫލުކުރައްވާ ކުރެއްވުންތައް ރައީސް ޓްރަންޕުގެ ސިޔާސަތަށް ފުށުއަރައެވެ. ބަލިފެތުރުން ހުއްޓުވުމަށް މާސްކު ބޭނުންކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް ޑރ. ފައުޗީދަނީ ފެށުނީއްސުރެ ވިދާޅުވަމުންނެވެ. 7.7 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ އެމެރިކާގައި ބަލިފެތުރޭ މިންވަރު އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ބަލިފެތުރެން ފެށުމުން ޤައުމު ބަންދުކޮށްފައިނުވުންކަމަށް ނޭޝަލަން އިންސްޓިޓިއުޓު އޮގް އެލާޖީ އެންޑް އިންފެކްޝަންގެ ޑިރެކްޓަރުކަން ކުރައްވާ ފައުޗީވަނީ ފާހަގަކުރައްވާފައެވެ.