ކުޅިވަރު

ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ އެޗްޕީއޭއިން ދީފި


އައު ސީޒަނަށް ތައްޔާރުވުމަށް ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

ކްލަބްތައް ޕްރެކްޓިސް ފެށުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި މިއަދު ހެނދުނު ވަނީ ބައްދަވުމުއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އާއި ފުލުހުންވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޙުސައިން ޖަވާޒް ވިދާޅުވީ، ފަރިތަކުރުންތައް ފެށުމަށް އެޗްޕީއޭއިން ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ. އަދި މިހާތަނަށް ހުއްދަ ދީފައިވަނީ ހަމައެކަނި ފުރަތަމަ ޑިވިޝަންގެ ކްލަބްތައް ފަރިތަކުރުންތައް ކުރިޔަށްގެންދަން އެކަނި ކަމަށް ޖަވާޒް ވިދާޅުވިއެވެ. އަދި ކްލަބްތަކުން ފަރިތަކުރުންތައް ކުރިޔަށްގެންދާނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ޙާއްސަ ގައިޑްލައިނާ އެއްގޮތަށް ކަމަށް ޖަވާޒް ވިދާޅުވިއެވެ.

ފަރިތަކުރުންތައް ފެށުމަށް ހުއްދަދިންހާ އަވަހަކަށް ކްލަބްތަކުން ފަރިތަކުރުންތައް ފެށުމަށް ތިބީ ތައްޔާރަށެވެ. ފަރިތަކުރުންތައް ނުފެށި ލަސްވާތީ މީގެ ކުރިން ވަނީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ހަފްތާގެ ތެރޭގައި ފުރަތަމަ ޑިޝަންގެ ބައެއް ކްލަބްތަކުން ފަރިތަކުރުންތައް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

ކޯވިޑް-19 ގެ ސަބަބުން އެފްއޭ ކަޕްގެ އެއްބައި ކުޅުމަށްފަހު މިދިޔަ ސީޒަން ކެންސަލް ކުރިއިރު، އައު ސީޒަން އަންނަ ޑިސެމްބަރު މަހު ފަށަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިފަހަރުގެ ލީގުގައި ވާދަކުރާ 8 ޓީމަކީ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސްއެވެ.