ޚަބަރު

ނައިފަރު ހޮސްޕިޓަލަށް 5 ބުރީގެ އިމާރާތެއް އިތުރުކުރަނީ


ފާދިއްޕޮޅު ނައިފަރު ހޮސްޕިޓަލްގެ ޖާގައިތުރުކުރުމުގެ ގޮތުން ފަސްބުރީގެ އިމާތާރެއް ހެދުމުގެ މަސައްކަތާއި އަދި ބައެއް ރަށްރަށުގެ ޞިއްޙީޚިދުމަތްދޭ ތަންތަނުގެ ޖާގައިއިތުރުކުރުމާ މަރަމާތުގެ މަސައްކަތްތަކެއް މިއަދު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.



މި މަސައްކަތްތައް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ނައިފަރު ހޮސްޕިޓަލަށް އިތުރުކުރެވޭ މި އިމާރާތުގައި އޮޕަރޭޝަން ތިއޭޓަރަކާއި 4 ވޯޑާއި 8 ޕްރައިވެޓް ރޫމާ، 9 ކޮންސަލްޓޭޝަން ރޫމް އަދި ފާމަސީއާ ލެބޯޓްރީއެއް ހިމެނޭނެކަމަށެވެ.



މިމަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ޝަރުތުކޮށް އެލިޔާއާ ކޮންސްޓްރަކްޝަނާއެވެ.



މީގެ އިތުރުން މިއަދު ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލުކުރެވުނު ތަންތަނުގެ ތެރޭގައި އއ ބޮޑުފޮޅުދޫ ޞިއްޚީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތާއި، ށ އަތޮޅު ހޮސްޕިޓަލާއި، ޏ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލާއި، ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ޑިޒައިންކުރުމުގެ މަސައްކަތް ހިމެނެއެވެ.



މީގެ އިތުރުން ރޯޝަނީ ބިލްޑިންގ ގެ 5 އަދި 6 ވަނަ ފަންގިފިލާގައި އެއާރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތްވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކޮންޓްރެކްޓަރަކާއި ހަވާލުކޮށްފައެވެ.



މިހުރިހާ މަސައްކަތަކަށް ދައުލަތުގެ ބަޖެޓުން 44 މިލިޔަލަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.



މިމަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ޞިއްޙީ ޚިދުމަތް ދެއްވުމަށް ކުރައްވާ މަސައްކަތްފުޅުތަކާއި އަދި ވެވަޑައިގަންނަވާފައިވާ ވައުދުފުޅުތައް އެދެވޭ ގޮތެއްގައި ބާރު ސްޕީޑެއްގައި ފުރިހަމަކޮށް އެޚިދުމަތްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ކުރެވޭ މަސައްކަތްތަކެއްކަމަށް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.