ދުނިޔެ

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން ޑިސެމްބަރުމަހު ބާލަނީ


ޑިސެމްބަރު މަހުގެ ޗުއްޓީގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން ޤައުމަށް އަނބުރާ ގެންނަންވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ވިދާޅުވެއްޖެއެވެ. ޓްރަންޕު އެހެން ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު 2،500އަށް މަދުކުރާނެކަމަށް ރައީސް ޓްރަންޕުގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު، ރޮބާޓް އޯ ބްރިއެން ވިދާޅުވިތާ ގަޑިއިރުކޮޅެއް ފަހުންނެވެ.

އަފްޣާނިސްތާނަށް ޞުލްޙަ ގެނައުމަށް ޠާލިބާނާއި އެމެރިކާއާ ދެމެދު މިދިޔަ ފެބްރުއަރީ މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންނާއި ގުޅިފައިވާ އަސްކަރީ އިއްތިޙާދުގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އެއްބަސްވުމުގައިވާގޮތުން އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ނޭޓޯގެ އަސްކަރީ ފައުޖުތައް ވަކި މުއްދަތެއްގެ ތެރޭގައި އެޤައުމުން ފައިބާނެއެވެ. އަދި އެމެރިކާއާއި އެ ޤައުމަށް ވާގިވެރިވާ ޤައުމުތަކަށް ބިރުދެއްކުމަށް އަފްޣާނިސްތާނު ބޭނުން ނުކުރުމަށް އަލްޤައިދާ ހިމެނޭގޮތަށް ހަނގުރާމަވެރި ޖަމާޢަތްތަކުންވަނީ އެއްބަސްވެފައެވެ.

އެމެރިކާއިން މީގެ ކުރިން ބުނެފައިވަނީ އެއްބަސްވުމުގައި ވާގޮތަށް އަންނަ އަހަރުގެ މެއި މަހުގެ ކުރިން ހުރިހާ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާނެކަމަށެވެ. އަދި ނޮވެމްބަރު މަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު
4000 -5000އާ ދެމެދުގެ ޢަދަދަކަށް މަދުކުރާނެކަމަށް ރައީސް ޓްރަންޕުގެ އިތުރުން އެހެން ރަސްމީ ފަރާތްތަކުންވަނީ ބުނެފައެވެ. ނަމަވެސް އެގޮތަށް ޢަމަލުކުރެވޭނީ ޠާލިބާނުންގެ ޢަމަލުތައް ބަހައްޓާގޮތެއްގެ މަތިންކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.

ޔުނިވަސިޓީ އޮފް ނެވާޑާގައި ވާހަކަދައްކަވަމުން އޯ ބްރިއެން ވިދާޅުވީ އަފްޣާނިސްތާނުގައި މިވަގުތު ތިބީ އެމެރިކާގެ 5،000 ސިފައިންކަމަށާއި އެ ޢަދަދު އަންނަ އަހަރުގެ ކުރީކޮޅު 2،500އަށް މަދުކުރައްވާނެކަމަށެވެ. އަދި އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމާ ގުޅޭގޮތުން އެއްބަސްވުމަކާއި ހަމައަށް އައުމަށް މަސައްކަތްކުރަންޖެހޭނީ ޚުދު އަފްޣާނިސްތާނުންކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އޭގެ ގަޑިއިރުކޮޅޭއްފަހުން ރައީސް ޓްރަންޕު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިސެމްބަރު މަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން އަނބުރާ ޤައުމަށް ގެންނަންވާނެކަމަށެވެ. އެއީ ރަސްމީ އަމުރެއްކަމެއް ނުވަތަ އެމަނިކުފާނު ޢަމަލުކުރައްވަން ބޭނުންފުޅުވާ ގޮތްކަމެއް ސާފެއް ނުވެއެވެ. އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ އިދާރާ އަދި ރިޔާސީ އިދާރާ ވައިޓު ހައުސުން އެކަމާއި ގުޅޭގޮތުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.

2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާގެ ދަޢުރަކީ ދާޚިލީ ހަމަޖެހުން ކަށަވަރުކުރުންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕްވަނީ ވިދާޅުވެފައެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އަނބުރާ ޤައުމަށް ގެނައުމަކީ ޓްރަންޕުގެ ރިޔާސީ ވަޢުދެކެވެ. ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލައްވާފައިވާ ޓްރަންޕުގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ އެކި ސަރަޙައްދުތަކުގައި ކުރަމުންދާ 'ތާކުންތާކު ނުޖެހޭ ނިމުމެއް ނެތް' ހަނގުރާމަތައް ނިމުމަކަށް ގެނައުމުގެ މައްޗަށެވެ. ނަމަވެސް އިރާޤާއި ސޫރިޔާ އަދި އަފްޣާނިސްތާނުގައި އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިން މަރުކަޒުކޮށްފައި އަދިވެސް އެބަ ތިއްބެވެ.