ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލިއާގޭގައެވެ. ނަމަވެސް މިއަދު ދެބޭފުޅުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކާގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރައްވައެވެ.
ދެބޭފުޅުންގެ ބައްދަލުކުރެއްވިކަން އެމްޑީޕީގެ މަޖިލިސް މެންބަރަކު ޕީއެސްއެމް ނިއުސްއަށް ވަނީ ޔަޤީންކޮށްދެއްވާފައެވެ. ދެބޭފުލުން ބައްދަލުކުރެއްވި ފޮޓޯއެއް މަޖިލީހުގެ ރައީސް ވަނީ އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވާފައެވެ. ނަމަވެސް އެބައްދަލުވުމުގެ ތަފްސީލް އެގްރޫޕްގައިވެސް ހާމަކުރައްވާފައެއްނުވެއެވެ.
އެންމެފަހުން މިދެބޭފުޅުން ބައްދަލުކުރައްވާފައިވަނީ ޖޫންމަހުގެ 4ވަނަ ދުވަހުއެވެ. އެދުވަހުގެ ބައްދަލުވުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ އެބައްދަލުކުރެއްވުމުުގައި ތަރައްޤީގެ އެޖެންޑާ ތަންފީޒްކުރުމުގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ އެ ސިޔާސަތުތައް ތަންފީޒްކުރުމުގައި މުހިންމު އިދާރާއެއްކަމަށާ، ސަރުކާރާއި މަޖިލިސް ގުޅިގެން ރައްޔިތުންނަށްޓަކައި މުހިންމު މަސައްކަތްތަކެއްކުރައްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ފަހުން ރައީސުލްޖުމްހޫރިއްޔާ އބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ އެމަނިކުފާނު ރައީސް ނަޝީދާ ބައްދަލުިކުރެއްވިކަން ހާމަކުރައްވައި ޓްވީޓުކުރައްވާފައެވެ.
އެމަނިކުފާނު ވަނީ ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރެއްވިކަން ހާމަކުރައްވާފައެވެ. އަދި ކޯވިޑް-19އާއި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި ރައްޔިތުންގެ މަޖްލިސް އެކުގައި މަސައްކަތްކުރުމުގެ މުހިއްމުކަން މިބައްދަލުވުމުގައި ފާހަގަކުރެއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.