މަސްތުވާތަކެތި އަތުލައިގަތުމަށް އައްޑޫގައި ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫގައި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށެވެ. މިއީ މިހާރު ކުރިއަށްދާ އޮޕަރޭޝަނަކަށްވުމުން މިއޮޕަރޭޝަނާގުޅޭ މާބޮޑު މައުލޫމާތެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
އެގޮތުން ހައްޔަރުކުރީ ކޮންބައެއްކަމާއި އަތުލައިގަނެވުނީ ކިހާ ޢަދަދެއްގެ މަސްތުވާތަކެއްޗެއްކަންވެސް ފުލުހުން އަދި ހާމައެއްނުކުރެއެވެ. އައްޑޫގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ކުރީގެ ޤައުމީ ފުޓުބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިއަކު ހައްޔަރުކޮށްފައިވާކަމަށް ބައެއް މީޑިއާތަކުންވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް މިކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މަސްތުވާތަކެތި އަތުލައިގަތުމަށް ކުރިއަށްގެންދާ މިއޮޕަރޭޝަން ކުރިއަށްގެންދަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ޑްރަގް އިންއިންޓަލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓަލިޖެންސް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި ފުލުހުންގެ ދެކުނުގެ ޑިވިޝަން ގުޅިގެންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޮޕަރޭޝަނާއި ގުޅޭ މަޢުލޫމާތު މިއޮޕަރޭޝަން ނިމުމުން ޢާއްމުކުރާނެކަމަށް ފުލުހުން ވިދާޅުވެއެވެ.