ކުޅިވަރު

ނޭމާގެ ދެ ލަނޑާއެކު ޕީއެސްޖީއަށް ބޮޑު މޮޅެއް


ފްރެންޗް ލީގުގައި އެންޖާސްއާއި ދެކޮޅަށް ރޭ ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ޕީއެސްޖީން ކާމިޔާބުކުރީ 6-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 7 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ފްލޮރެންޒީއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ނޭމާއެވެ.

ދެވަނަ ހާފް ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ނޭމާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަކަަށް ބަދަލުކޮށްލާފައެވެ. ތިން ލަނޑުގެ ލީޑެއްގައި އޮވެ ކުޅެމުންދިޔަ ޕީއެސްޖީ ކޮޅަށް އެންޖާސްއިން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އެޓީމުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ، ޓަރޯރޭއެވެ. ޕީއެސްޖީން މި މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޑްރެކްސްލާއެވެ. އަދި ޕީއެސްޖީގެ ފަސް ވަނަ ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގުއެޔޭއެވެ. މެޗުގައި ޕީއެސްޖީން ޖެހި ފަހު ލަނޑު 84 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭއެވެ.

މާސޭ އަތުން ޕީއެސްޖީ ބަލިވި މެޗުގައި ދެއްކި ރަތްކާޑާއި ގުޅިގެން އައި ދެ މެޗުގެ ސަސްޕެންޝަންއަކަށްފަހު ރޭ ޕީއެސްޖީއަށް ކުޅެދިން މިމެޗުގައި ނޭމާ ޖެހި ދެ ލަނޑަކީ މިސީޒަންގައި އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ދެ ލަނޑެވެ.

އަދި މިމޮޅާއެކު 6 މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕީއެސްޖީވަނީ ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. 5 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތީ ރެނެސްއެވެ. އަދި ތިންވަނާގައި އޮތް ލިލޭވަނީ 5 މެޗުން 11 ޕޮއިންޓް ހޯދާފައެވެ.