ޚަބަރު

މަރުހަލާތަކަކަށް ބަހާލައިގެން އިންޑިޔާގެ މަދަރުސާތައް އަލުން ހުޅުވަނީ


ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ އިންޑިޔާގެ މަދަރުސާތައް މަރުހަލާތަކަކަށް ބަހާލައިގެން ހުޅުވުމުގެ ހުއްދަ ދީފިއެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި މިހާތަނަށް 6.23 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 97،497 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 80،500 މީހުންނަށްވަނީ ބަލިޖެހިފައެވެ. ކޯވިޑް-19 ފެތުރޭތީ މިދިޔަ މާރިޗު މަހުގައި އިންޑިޔާއިންވަނީ ހަރުކަށި ފުރަބަންދެއް އިއުލާނުކޮށްފައެވެ. ނަމަވެސް ޤައުމުގެ އިޤްތިޞާދީ ޙާލަތު ހީނަރުވަމުންދާތީ ފާއިތުވި މަސްތަކުގައި އިންޑިޔާއިންވަނީ ގިނަ ފިޔަވަޅުތަކަކަށް ލުއި ދީފައެވެ.

އެންމެ ފަހުން ދިން ލުއި ތަކުގެ ތެރޭގައި އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން މަރުހަލާތަކަކަށް ބަހާލައިގެން މަދަރުސާތަކާއި ކޮލެޖުތަކާއި ތަޢުލީމުދޭ އެހެނިހެން މަރުކަޒުތައް ހުޅުވުމުގެ އިޚްތިޔާރު އެ ޤައުމުގެ ސްޓޭޓުތަކަށްވަނީ ދީފައެވެ. މަރުކަޒީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ދަރިވަރުންނަށް މަދަރުސާއަށް ހާޒިރުވެވޭނީ މަދަރުސާއަށް ހާޒިރުވުމުގައި އެކުދިންގެ ބެލެނިވެރިންގެ އިޢުތިރާޒެއް ނެތްކަމަށް ބުނާ ލިޔުމެއް އޮތްނަމައެވެ.

އިންޑިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދު މަދުވެފައި ނުވާނަމަވެސް ތަނުގެ ޖާގައިގެ 50 އިންސައްތައަށް މީހުންނަށް ވަދެވޭގޮތަށް ސިނަމާތައް ހުޅުވުމުގެ ޙުއްދަވެސް އެ ޤައުމުގެ ސަރުކާރުންވަނީ ދީފައެވެ. އަހަރުކު ގާތްގަނޑަކަށް 1،200 ފިލްމު އުފައްދާ އިންޑިޔާގެ ބޮލީވުޑަށް ކޯވިޑް-19ގެ ސަބަބުންވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އިންޑިޔާގެ 9،500އަށްވުރެ ގިނަ ސިނަމާވަނީ ކޯވިޑް-19ގެ ސަބަބުން ބަންދުކޮށްފައެވެ. އެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ބުނީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ހީނަރުކަމުން އަރައިގަތުމަށް ދެ އަހަރުވަރު ނަގާނެކަމަށެވެ. އަދި ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެފައިވާކަމަށްވެސް އެ ދާއިރާއިން ބުނެއެވެ.

އިންޑީޔާގައި ޙާލަތު އެންމެ ގޯސްވެފައިވާ އެ ޤައުމުގެ އެންމެ މުއްސަނދި ސްޓޭޓު، މަހާރަޝްތާއިންވެސްވަނީ ރެސްޓޯރަންޓުތަކާއި ކެފޭތައް ފުރިހަމައަށް ހުޅުވުމުގެ ޙުއްދަ ދިނުމަށް ނިންމައިފައިވާކަމަށެވެ. އަދި އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހުން ފެށިގެން އެ ސްޓޭޓުގެ ހޮޓާތައް ޖާގައިގެ 50 އިންސައްތައަށް ހުޅުވޭނެކަމަށް މަހާރަޝްތާ ސްޓޭޓުގެ ސަރަޙައްދީ ސަރުކާރުންވަނީ އިޢުލާނުކޮށްފައެވެ. ސަރަޙައްދީ ސަރުކާރުންވަނީ މުމްބާއީ މެޓްރޮޕޮލިޓަން ސަރަޙައްދާ ދެމެދު ކުރާ ރޭލު ދަތުރުތައް އިތުރުކުރުމަށްވެސް ރޭލުދަތުރުތަކާބެހޭ މަރުކަޒީ ވުޒާރާއަށް ހުށަހަޅައިފައެވެ.