ވިޔަފާރި

"ނުކުރާނަމަ އުނިކުރަމާ" ނަމުގައި މީރާއިން ކެމްޕޭނެއް ފަށައިފި


"ނުކުރާނަމަ އުނިކުރަމާ" ނަމުގައި މީރާއިން ކެމްޕޭނެއް ފަށައިފިއެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، "ނުކުރާނަމަ އުނިކުރަމާ"ގެ ނަމުން މީރާއިން މި ފެށި ކެމްޕޭނަކީ މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ވިޔަފާރި ހުއްޓާލައިފައިވާ ނުވަތަ ވިޔަފާރިނުކުރާ ފަރާތްތަކާއި، ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމުގެ ޝަރުތު ހަމަވާ ފަރާތްތައް ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް ހިންގާ ކެމްޕޭނެކެވެ.

މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފަރާތްތަކުން ސުން-ބަޔާން ހުށަހަޅަމުންދާ ކަމަށާ، އަދި ބައެއް ފަރާތްތަކުން އެއްވެސް ގޮތަކަށް ބަޔާން ހުށަނާޅާކަންވެސް މީރާއިން ފާހަގަކުރެއެވެ.

މިރާއިން މިފެށި ކެމްޕެއިނާއި ގުޅޭގޮތުން މީރާގެ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް، އެންފޯސްމަންޓު ފާތިމަތު އަމީޒާ ވިދާޅުވީ ތަފާތު ވިޔަފާރިތައްކުރުމުގެ ނިޔަތުގައި ރަޖިސްޓަރީކޮށް، އެހެން ނަމަވެސް ވިޔަފާރި ނުފެށިފައިވާ ފަރާތްތަކާއި އެކި އެކި ބީލަންތަކަށް ކުރިމަތިލާން ރަޖިސްޓަރީކޮށް، ބީލަން ކާމިޔާބު ވެފައި ނުވާ ފަރާތްތަކާއި، ވިޔަފާރިކުރުން ހުއްޓާލައިފައިވާ ފަރާތްތައްވެސް ހިމެނުން އެކަށީގެންވާކަމަށެވެ.

" ވިޔަފާރި ނުކުރި ކަމުގައިވިޔަސް ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްނަމަ ކޮންމެ ޓެކްސް ނެގޭ މުއްދަތަކާ ގުޅިގެންވެސް ކަނޑައެޅިފައިވާ ސުންގަޑީގައި ޓެކްސް ބަޔާން ހުށަހަޅަން ޖީ.އެސް.ޓީ ޤާނޫނުން ލާޒިމު ކުރާތީ މިފަދަ ފަރާތްތަކުންވެސް، ޖީ.އެސް.ޓީ ރަޖިސްޓަރީން އުނި ނުކުރާނަމަ، ޓެކްސް ބަޔާން ހުށަހަޅަން ޖެހޭނެ އަދި ބަޔާން ހުށަނޭޅުމުގެ ސަބަބުން މިފަދަ ފަރާތްތައްވެސް ޖޫރިމަނާވަމުން ދާނެ،" އަމީޒާ ވިދާޅުވިއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ޓޫރިޒަމް މަސައްކަތްކުރާ ފަރާތްތައް ނުވަތަ މުދާ އިމްޕޯޓްކުރާ ފަރާތްތައް ފިޔަވާ އެހެން ވިޔަފާރިކުރާ ފަރާތްތަކުން، އެ ފަރާތަށް އަހަރެއްގެ މައްޗަށް 5 ލައްކަ ރުފިޔާއަށްވުރެ ދަށުން އާމްދަނީ ލިބޭނަމަ އެފަރާތެއް ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅިދާނެ ކަމަށެވެ. އަދި، މި ފަދަ ފަރާތްތަކަށް، މިކެމްޕެއިނުގެ ދަށުން ޖީ.އެސް.ޓީ ރަޖިސްޓްރީން އުނިކުރުމަށް އޮތް ހުރަހަކީ ނުދައްކާ ހުރި ޓެކުހާ ގުޅޭ ޖޫރިމަނާއެއް ކަމުގައި ވާނަމަ، އެ ޖޫރިމަނާ ވެސް މައާފުކޮށްދެވޭނެކަމަށް މީރާއިން ހާމަކުރެއެވެ. އެހެންކަމުން، 'ނުކުރާނަމަ އުނިކުރަމާ' ކެމްޕެއިނުގެ ދަށުން ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް ބޭނުންވާ ފަރާތްތަކުން، މީރާ 106 ފޯމް މެދުވެރިކޮށް ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް އެދި ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެއެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގުމުގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އައު ޚިދުމަތްތައް އަންނަނީ ތައާރަފުކުރަމުންނެވެ. މިގޮތުން، މީރާއިން މިހާރު ވަނީ އެ އޮތޯރިޓީއަށް ދައްކަންޖެހޭ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް، މީރާގެ އޮންލައިން ޚިދުމަތްތައް ކަމުގައިވާ "މީރާކަނެކްޓް" އަދި "ވާރުޕޭ" މެދުވެރިކޮށް، ބަލައިގަތުމުގެ ޚިދުމަތް ހަމަޖައްސައިދިނުމުގެ އިތުރުންވެސް ގިނަ ލުއި ފަސޭހަ ޚިދުމަތްތަކެއް ތައާރަފުކޮށްފައެވެ.