ތައިރޮއިޑް ބަލި ޖެހުމަށް މަގުފަހިވާ ރިސްކް ފެކްޓަރސްތައް ޢާއިލާ ތެރޭގައި ހުންނަ މީހެއްނަމަ އެންމެ ރަނގަޅުގޮތަކީ ތަޖުރިބާކާރުންގެ މަޝްވަރާއާއެކު ތައިރޮއިޑް ނެގުން ކަމަށް ރާއްޖޭގައި ހުންނެވި ހަމައެކަނި ދިވެހި އޮންކޯ ސަރޖަން ޑރ.މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ތައިރޮއިޑް ކެންސަރާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކެންސަރ ސޮސައިޓީ އޮފް ދަ މޯލްޑިވްސްއިން ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ ސެޝަންގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ އޮންކޯ ސަރޖަން ޑރ.މުޙައްމަދު ޝިފާން ވިދާޅުވީ އެންމެ އާންމު ނޫންނަމަވެސް ތައިރޮއިޑް ކެންސަރު ރާއްޖެއިންވެސް ފެންނަމުންދާކަމަށެވެ. ތައިރޮއިޑް މިބަލި ޢާއިލާ މީހެއްގެ ގައިގައި ހުރިނަމަ އެއީ ބަލި ވާރުތަވުމުގެ ސަބަބެއްކަމަށާއި، ފަސްޓް ޑިގްރީ ޢާއިލާ މީހެއްގެ ގޮތުގައި ހިމެނޭ މީހެއްގެ ތެރޭގައި ބަލި ހުރިނަމަ މިބަލި އެމީހަކަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ޑރ.ޝިފާން ވިދާޅުވިއެވެ. އެހެންކަމުން އެފަދަ މީހުން ކަމުގެ ތަޖުރިބާކާރުންގެ މަޝްވަރާއާއެކު ބަލި ޖެހުމުގެ ފުރުސަތު އޮތް މިންވަރު ބެލުމަށް ޓެސްޓުތައް ހަދާ ޖެނެޓިކް ކައުންސިލިންގ ނެގުމަށްފަހު އެންމެ ރަނގަޅު ގޮތަކީ ބަލީގެ ނުރައްކާ ކުރިމަތިވުމުގެ ކުރިން ތައިރޮއިޑް ނެގުންކަމަށްވެސް ޑރ.ޝިފާން ވިދާޅުވިއެވެ.
އަޑު: "މިއީ ތައިރޮއިޑް ހުންނަ ހުރިހާ ޕޭޝަންޓުންގެ ވާހަކައެއް ނޫން. މިއީ ހަމައެކަނި ތައިރޮއިޑްގެ ރިސްކް ފެކްޓަރސްތެރޭގައި ޖެނެޓިކް ފެކްޓަރސް ހިމެނޭ ފަރާތްތަކުގެ ވާހަކަ. ޢާއިލާ ތެރޭގައި ތައިރޮއިޑް ކެންސަރ ޖެހިފައިވާ މީހަކު ހުރިނަމަ ތަޖުރިބާކާރުންގެ މަޝްވަރާއާއެކު ޖެނެޓިކް ކައުންސިލިންއާއި ޓެސްޓުތައް ހެދުމަށްފަހު އެންމެ ރަނގަޅު ގޮތަކީ ތައިރޮއިޑް ނެގުން." ޑރ.ޝިފާން ވިދާޅުވިއެވެ.
ޑރ. ޝިފާން ވިދާޅުވީ ކެންސަރު ނޫންނަމަވެސް އެހެންކަމަކާ ގުޅިގެންވެސް ތައިރޮއިޑް ދުޅަވެދާނެކަމަށެވެ. އެހެންނަމަވެސް ޢާއްމުކޮށް ކަރުގެ ވަށައިގެން ދުޅަވެ ކަރުގައި ރިހުމާއި އެތެރެއަށް ދުޅަވެފައި ހުރެގެން ހިންދިރުވާލުމުން ތަދުވުމާއި ގޮށެއްހެން ކަރުގައި ހުންނަނަމަ އަދި ކުއްލިއަކަށް އަޑަށް ބަދަލުއައުން ފަދަ ކަމެއް ހުރިނަމަ އޮޕަރޭޝަން ޑޮކްޓަރަކަށް ދައްކާލުމަކީ މުހިއްމުކަމެއް ކަމަށެވެ. މިގޮތަށް އަންނަ ކޭސްތަކުގެތެރެއިން މުޅި ދުނިޔޭގައިވެސް 20 ޕޭޝަންޓަކުން ކެންސަރުކަމަށް ދައްކަނީ 2 ޕޭޝަންޓުން ކަމަށް ޑރ.ޝިފާންވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައިވެސް ތައިރޮއިޑް ކެންސަރު ފެންނަމުން އަންނައިރު 2019 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް މިބާވަތުގެ 28 ސަރޖަރީއެއްކޮށްފައިވާ ކަމަށް ޑރ.ޝިފާންވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ނިސްބަތުން ބަލާއިރު އެއީ ކުޑަ ޢަދަދެއް ނޫންކަމުގައި ޑޮކްޓަރވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގައިވެސް ގިނައިން ބަލި ފެނިފައިވަނީ ޢުމުރުން 35އަހަރާއި 55 އަހަރާއި ދެމެދުގެ އަންހެނުންގެ ކިބައިން ކަމަށް ޑރ.ޝިފާން ވިދާޅުވިއެވެ. ކެންސަރުގެ ބާވަތްތަކުގެ ތެރެއިން ތައިރޮއިޑްއާއި ގުޅުންހުރި ކެންސަރުތަކަކީ ފަސޭހަކުރަން ފަސޭހަ އަދި ފަރުވާކޮށްގެން އެއްކޮށް ޝިފާ ލިބުމުގެ ފުރުސަތު އެންމެ ބޮޑު ބާވަތުގެ ކެންސަރުގެ ގޮތުގައި ޑރ.ޝިފާންވަނީ ފާހަގަކުރައްވާފައެވެ.
ތައިރޮއިޑް ކެންސަރުގެ ފަރުވާއަށް ކުރާ ހުރިހާ އޮޕަރޭޝަނެއް މިވަގުތު ރާއްޖޭގައި ކުރެވޭކަމަށް އައިޖީއެމްއެޗުގެ އޮންކޯ ސަރޖަން ޑރ. ޝިފާން ވިދާޅުވިއެވެ. ތައިރޮއިޑަށް ދޭ ފަރުވާތަކުގެތެރެއިން ރާއްޖޭގައި ނުދެވެނީ ނިއުކްލިއާ ފަރުވާކަމަށް ޑރ.ޝިފާންވަނީ ފާހަގަކުރައްވާފައެވެ.
ތައިރޮއިޑް ކެންސަރާއި އެނޫންވެސް ކެންސަރުގެ ބަލިތަކުން ރައްކާތެރިވުމަށް ރަނގަޅު މިންހެޔޮ ބާވަތްތައް ކެއުމުގައި ބޭނުންކުރުމާއި ކަސްރަތުކުރުމަކީ މުހިއްމުކަމެކެވެ. މީގެއިތުރުން ބަރުދަން ލުއިކުރުން ނުވަތަ ފަލަވާ ބަލިން ރައްކާތެރިވުމަކީ މިބައްޔަށް ހުށައެޅުމަށް ހުރި ރިސްކް ކުޑަކޮށްދޭ ކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކެންސަރަށް މަގުފަހިވާ ސަބަބަކަށްވާތީ މިބަލިން ރައްކާތެރިވުމަށްވެސް ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރަށް ދިއުމަކީ މުހިއްމުކަމެކެވެ.