ޚަބަރު

ލޭންޑިންގ ކްރާފްޓްގެ މައްސަލައިގައި، އެމް.އާރް.ޑީ.ސީގެ ކުރީގެ ބޯޑުގެ 4 މެމްބަރެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި


މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް (އެމް.އާރް.ޑީ.ސީ) އަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް 2014 ވަނަ އަހަރު ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިންގ ކްރާފްޓް ގަންނަ އަގުގެ %50 އަށްވާ ފައިސާ ދިނުމުގައި، އެމް.އާރް.ޑީ.ސީގެ ބޯޑު މެންބަރުންގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ މައްސަލައިގައި އެކުންފުނީގެ، ކުރީގެ ބޯޑުގެ 4 މެމްބަރެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވައިފިއެވެ.

އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، އެމައްސަލަ ތަޙުޤީޤުކޮށް ނިންމައި، ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިއަދުއެވެ.

މި މައްސަލައަކީ، 16 އޮކްޓޫބަރު 2018 ގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް އޭރުގެ ކޮމިޝަނުން ނިންމާފައިވާ މައްސަލައެއް ކަމުގައިވެސް، އޭސީސީން ވަނީ ހާމަކުރައްވާފައެވެ.

މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައި ވަނީ، އެމް.އާރް.ޑީ.ސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޡީމް (މއ.އެލީޒިއަމް) އާއި މުޙައްމަދު ރިޔާޟް (ވ.ނަލަދުވެލި) އާއި އަޙްމަދު ރަޝީދު (މއ.ޔެލޯޑައިމަންޑް) އަދި މުޙައްމަދު ޢަލީދީދީ (ގ.މާބަދި) ގެ މައްޗަށެވެ. މިފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައި ވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކަމުގައި އޭސީސީން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެމް.އާރް.ޑީ.ސީ އަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް ލޭންޑިންގ ކްރާފްޓް ގަންނަ ޖުމްލަ އަގުގެ %50 (ފަންސާސް އިންސައްތަ) އަށްވާ 7,494,200.00 (ހަތް މިލިއަން ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ) ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެމް.އާރް.ޑީ.ސީގެ ބޯޑުން ފާސްކޮށްފައިވަނީ، އެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޡީމް އާއި މުޙައްމަދު ރިޔާޟް އާއި އަޙްމަދު ރަޝީދު އަދި މުޙައްމަދު ޢަލީދީދީ އަށް އެނގިހުރެކަމާއި އަދި އެފައިސާ ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް، އިބްރާހީމް ނަޡީމް އެއްބަސްވުމުގެ އިސްލާހުގައި ސޮއިކޮށް، ޕޭމަންޓް ވައުޗަރ އެޕްރޫވްކުރީވެސް އޭނާގެ އެ ޢަމަލުގެ ނަތީޖާ އެނގިހުރެ، މަޤާމުގެ ނުފޫޒުބޭނުންކޮށްގެން ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަޙްޤީޤަށް ސާބިތުކުރެވިފައިވާކަމުގައިވެސް އޭސީސީން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، އިބްރާހީމް ނަޡީމް (މއ.އެލީޒިއަމް) އާއި މުޙައްމަދު ރިޔާޟް (ވ.ނަލަދުވެލި) އާއި އަޙްމަދު ރަޝީދު (މއ.ޔެލޯޑައިމަންޑް) އަދި މުޙައްމަދު ޢަލީދީދީ (ގ.މާބަދި) ގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައި ކަމުގައި އޭސީސީން ވަނީ ވިދާޅުވެފައެވެ.