ރާއްޖެއިން އިތުރު 37 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރެއްވިގޮތުގައި ހޯމަދުވަހުގެ 18:00އިން ފެށިގެން އަންގާރަދުވަހުގެ 18:00އާ ހަމައަށް އަލަށް ޕޮޒިޓިވްވި 37 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 34 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 3 މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 6 ބިދޭސީންނެވެ.
ކޯވިޑް-19ގެ ބަލިމީހުންގެގޮތުގައި މިވަގުތު 1116މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެތެރެއިން 556 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު 80 މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދެއެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 10194އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެތެރެއިން ހޯމަދުވަހުގެ 18:00އިން ފެށިގެން އަންގާރަދުވަހުގެ 18:00އާ ހަމައަށް ބަލިން ރަނގަޅުވެފައިވަނީ 87 މީހެކެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެތެރެއިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދަކީ 9037 އެވެ. އަންގާރަދުވަހުގެ 18:00އާ ހަމައަށް ރާއްޖެއިން ވަނީ 1،427 ސާމްޕަލް ނަގާފައެވެ.
އަތޮޅުތަކަށް ބަލާއިރު، 23 ރަށަކުން 35 މީހަކަށް ވަނީ މިވަގުތު ކޯވިޑް-19 ޖެހިފައެވެ. އަދި 23 ރިސޯޓެއްގައި 11 ފަތުރުވެރިއަކަށާއި 20 މުވައްޒަފަކަށް ވަނީ ކޯވިޑް-19 ޖެހިފައެވެ.