ދުނިޔެ

ކުވެއިތުގެ އަމީރު ޝެއިޚް ސަބާޙް އަވަހާރަވެއްޖެ


ކުވެއިތުގެ އަމީރު ޝެއިޚް ސަބާޙް އަލް އަޙްމަދު އަލް ސަބާޙް އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 91 އަހަރުފުޅުގެ ޝެއިޚް ސަބާޙް އަވަހާރަވެފައި ވަނީ ގިނަދުވަސްތަކެއް ވާންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ. އެގޮތުން ކުވެތާއި އެމެރިކާގައިވެސް އެމަނިކުފާނު ވަނީ ފަރުވާ ހޯއްދަވާފައެވެ.

ޝެއިޚް ސަބާޙްއަކީ މެދު އިރުމަތީގެ ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރެއްވި ވަރުގަދަ ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. ޝެއީޚް ސަބާޙް އާލާސްކަންފުޅު ބޮޑުވުމާ ގުޅިގެން ވެރިކަން ކުރައްވަމުންގެންދަ ވަނީ އެއްބަފާ ޢުމުރުން 83 އަހަރުގެ ވަލީ އަޙުދު ޝެއިޚް ނަވާފް އަލް އަޙްމަދެވެ.

2006 ވަނަ އަހަރުން، އަމީރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނުވަނީ ފޮރިން މިނިސްޓަރ ގެ މަޤާމު ސާޅީހަށްވުރެ ގިނަ އަހަރުދުވަހު ފުރުއްވާފައެވެ.

މެދުއިރުމަތީގެ ހަނގުރާމަތަކުގައި އަނިޔާލިބެމުންދާ ޢާއްމުންނާއި ކުޑަކުދިންގެ ޙައްގުތައް ޙިމާޔަތްކޮށް ދެއްވުމަށާއި އެހީ ހޯއްދެވުމުގައި އެމަނިކުފާނަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.