ޚަބަރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އިތުރު ޚިދުމަތްތައް ފެށުމަށް ތައްޔާރުވަނީ


ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އިތުރު 3 ޚިދުމަތެއް އުނގޫފާރު ހޮސްޕިޓަލުގައި ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސަސް އިބްރާހީމް ޒަޔާން ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން ޚިދުމަތްތައް މަޑުޖެހިފައި އޮތުމަށްފަހު އަލުން ޚިދުމަތްތައް ފެށުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.

ޒަޔާން ވިދާޅުވީ އެހޮސްޕިޓަލުގައި ލޮލުގެ ފަރުވާ ދިނުމަށް ޚާއްސަ ޑިޕާޓްމަންޓެއް ޤާއިމް ކުރުމުގެ މަސައްކަތްވެސް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިހާރު ހޮސްޕިޓަލުގައި މިކަމަށް ބޭނުންވާ ވަޞީލަތްތައް ހުރިނަމަވެސް އެތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މިމަސައްކަތް ނިންމާ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ލޮލުގެ ފަރުވާ ފެށިގެންދާނެކަމަށް ޒަޔާން ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި އަލަށް ފަށާ ޚިދުމަތްތަކުގެ ތެރޭގައި ސީޓީ ސްކޭންގެ ޚިދުމަތާއި ޑެންޓަލް ޑިޕާޓްމަންޓުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ޒަޔާން ވިދާޅުވިއެވެ. ކޯވިޑް-19 އާއި ގުޅިގެން މިދެ ޚިދުމަތް ފެށުމަށް ވާންޖެހޭ މަސައްކަތްވެސް މަޑުޖެހިފައި އޮތުމަށް ފަހު މިމަސައްކަތްތައްވެސް މިހާރު ފަށާފައި ވާކަމަށް ޒަޔާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަލަށް ޚިދުމަތްތައް ފެށުމުގެ މަސައްކަތްކުރަމުންދަނިކޮށް ކޯވިޑް-19އާއި ގުޅިގެން ދިމާވި ދަތިތަކާއެކު މަސައްކަތްތައް މަޑުޖެހިފައި އޮތުމަށް ފަހު އަލުން މިކުރިއަށް ގެންދަނީ. ކުރިއަށް އޮތް މަހުގެ ތެރޭގައި ލޮލުގެ ޚިދުމަތް މިކޮޅުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރު ކުރިއަށްދަނީ އިކުއިޕްމަންޓްސް އިންސްޓޯލްކުރުމުގެ މަސައްކަތްތައް. ކުޑަކުޑަ ބަދަލުތަކެއް ގެނެސްގެން ހޮސްޕިޓަލަށް އަންނަ މީހުންގެ ޢަދަދު މިހާރަށްވުރެ ވެސް އިތުރުކުރެވިދާނެކަމަށް އަޅުގަނޑަށް ލަފާކުރެވެނީ." ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސަސް އިބްރާހީމް ޒަޔާން ވިދާޅުވިއެވެ.

ކޯވިޑް-19އާއި ގުޅިގެން މާލެއަށް އަރައިފޭބުން މަނާކުރުމާއި ގުޅިގެން އަތޮޅުތެރޭގެ ސިއްޙީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށްވެސް ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ކުރިން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 350އާއި 400 ދެމެދުގެ ޢަދަދަކަށް ބަލިމީހުން ބެލިނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް އޯޕީޑީއަށް 500 އާއި 600 އާއި ދެމެދުގެ ޢަދަދަކަށް ބަލި މީހުން ބަލަމުން ގެންދާކަމަށް އެހޮސްޕިޓަލުން ވިދާޅުވިއެވެ. ކޯވިޑާއެކު އަތޮޅުން ބޭރުންވެސް އަންނަ ބަލި މީހުންގެ ޢަދަދު ވަނީ އިތުރުވެފައިކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ. އެގޮތުން ށ އަތޮޅުން ފެށިގެން އދ.އަތޮޅާއި ދެމެދުގެ އަތޮޅުތަކުން ބަލިމީހުން އަންނަކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.