ޚަބަރު

އަންނަ އަހަރުންފެށިގެން ކޯޓުތަކަށް ޖިނާއީ މައްސަލަތައް ހުށަހަޅާނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް - ޕީޖީ


އަންނަ އަހަރުންފެށިގެން ކޯޓުތަކަށް ޖިނާއީ މައްސަލަތައް ހުށަހަޅާނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

މިގޮތަށް ނިންމަވައި އެކަން ހާމަކުރައްވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާއާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.

އަންނަ އަހަރުން ފެށިގެން ޝަރުޢީ ކޯޓުތަކަށް ހުށަހަޅާ ޖިނާއީ މައްސަލަތައް ހުށަހަޅާނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްކަމަށް ނިންމަވާފައިވާތީ މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުމަށް ޕްރޮސެކިއުޓަރ ޖެނަރަލްވަނީ މިއަދުގެ ބައްދަލުވުމުގައި ހުށަހަޅުއްވާފައެވެ. މިކަމުގެ ސަބަބުން މައްސަލަތައް ހުށަހެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވި، ޖިނާއީ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ކަންކަން ޒަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙަވާލާދެއްވައި ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިއަހަރުގެ ނޮވެންބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެެން، މެޖިސްޓްރޭޓް ކޯޓުތަކާއި، ދަށު ކޯޓުތަކުގެ އިބްތިދާއީ އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ބައިވެރިވާނީ ހަމައެކަނި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި، މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ހުށަހަޅުއްވާފައެވެ.

މިކަމުގެ ސަބަބުން އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓްތަކަށް ކުރާ ދަތުރުތަކާއި، އެހެނިހެން ޚަރަދުގެ ބޮޑު ބައެއް ސަލާމަތް ކުރެވޭނެކަމަށާ، އަދި ވަގުތުވެސް ސަލަމާތްކުރެވޭނެކަން ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ފާހަގަކުރައްވާފައެވެ. މިހާތަނަށް މިފަދަ ކަންކަމަށް ކުރައްވާފައިވާ ޚަރަދުތަކުގެ ތެރެއިން 2019ވަނަ އަހަރު އެކަނިވެސް ޕްރޮސިކިއުޓަރުން މެޖިސްޓްރޭޓް ކޯޓަކަށް ކުރެއްވި ދަތުރުތަކަށް 3.2 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަން ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ފާހަގަކުރައްވާފައެވެ.