ދުނިޔެ

ޚާޝޫޤްޖީގެ މަރުގެ މައްސަލައިގައި ތުރުކީލިވާތުން އިތުރު ހަ މީހަކަށް ދަޢުވާކޮށްފި


ޖަމާލް ޚާޝޫޤްޖީގެ މަރުގެ މައްސަލައިގައި ތުރުކީލިވާތުން ސަޢުދީ ޢަރަބިއްޔާގެ އިތުރު ހަ މީހަކާ ދެކޮޅަށް ދަޢުވާކޮށްފިއެވެ. 2018ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސުލޭޓުގައި އަނިޔާވެރިކޮށް މަރާލި ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚާޝޫޤްޖީގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކާ ދެކޮޅަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ތުރުކީވިލާތުންވަނީ ޝަރީޢަތެއް ފަށައިފައެވެ.

އޭނާގެ މަރުގެ މައްސަލައިގައި ހިމެނޭކަމަށް ޝައްކުކުރެވޭ ސަޢުދީ ޢަރަބިއްޔާގެ އިތުރު ހަ މީހަކާ ދެކޮޅަށް މިހާރު އައު ދަޢުވާތައް އުފުލައިފައިވާކަމަށް ތުރުކީވިލާތުގެ ދަޢުލަތުގެ ނޫސް އިދާރާއިން ބުންޏެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން ދެ މީހުންނާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތައް ސާބިތުވެއްޖެނަމަ މަޢާފު ނުލިބޭގޮތަށް އުމުރަށް ޖަލަށްލެވޭނެއެވެ. ބާކީތިބި ހަތަރު މީހުންނާ ދެކޮޅަށް ކޮށްފައިވާ ދަޢުވާތައް ސާބިތުވެއްޖެނަމަ ގިނަވެގެން ފަސް އަހަރު ދުވަސް ޖަލުގައި ހޭދަކުރަންޖެހޭނެއެވެ.

އެ ދަޢުވާގައި ވަނީ އުމުރަށް ޖަލަށްލުމުގެ ފުރުޞަތު އޮތް ދެމީހުންނަކީ ތުރުކީވިލާތުގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސިއުލޭޓުގައި މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ. ޚާޝޫޤްޖީ މަރާލުމަށްފަހު ތުރުކީވިލާތުން ފުރައިގެން ދިޔަ މީހުންގެ ތެރޭގައި އެ ދެ މީހުން ހިމެނެއެވެ. އަނެއް ހަތަރު މީހުންނަކީ ކުށްކުރި މާހައުލުގައި ހުރި ހެކި އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ މީހުންކަމަށް އެ ނޫހުން ބުންޏެވެ. އެ ހަތަރު މީހުންވެސް މިވަގުތު ތިބީ ތުރުކީވިލާތަކު ނޫނެވެ.

ޚާޝޫޤްޖީގެ މަރުގެ މައްސަލައިގައި ހިމެނޭ 8 މީހަކަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހު ސަޢުދީ ޢަރަބިއްޔާގެ ކޯޓަކުންވަނީ ޙުކުމްކޮށްފައެވެ. އެގޮތުން މައްސަލަ ރައްދުވާ ފަސް މީހަކު މެރުމަށް ކޯޓުންވަނީ ހުކުމްކޮށްފައެވެ. ނަމަވެސް މީގެ ހަތަރު މަސްކުރިން ޚާޝޫޤްޖީގެ ޢާއިލާއިން އޭނާގެ ގާތިލުންނަށް މަޢާފުކުރުމުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހު އެ ހުކުމްވަނީ ބަދަލުކޮށްފައެވެ.

މިދިޔަ ޖުލައި މަހުގައި ތުރުކީވިލާތުގައިވަނީ މައްސަލައިގައި ހިމެނޭ ގިނަ ބަޔަކާ ދެކޮޅަށް ޝަރީޢަތް ފަށައިފައެވެ. ދައުވާ ރައްދުވާ މީހުންގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ޖާސޫސީ އިދާރާގެ ކުރީގެ އިސްވެރިއެއްކަމަށްވާ އަޙްމަދު އަލްއާސިރީ އާއި ސަޢުދީޢަރަބިއްޔާގެ ކުރީގެ ރަސްމީ މުޝީރެއްކަމަށްވާ ސަޢުދު އަލްޣަޙްތާނީގެ އިތުރުން ޚާޝޫޤްޖީ މަރާލުމުގައި ޢަމަލީ ގޮތުން ބައިވެރިވި އިތުރު 18 މީހުން ހިމެނެއެވެ.

ތުރުކީވިލާތުން ޤަބޫލުކުރާ ގޮތުގައި ސަޢުދީ ޢަރަބިއްޔާއިން ޝަރީޢަތް ހިންގާފައިވަނީ އިންސާފުވެރިކޮށް ނޫނެވެ. އަދި ތަހުޤީޤު ކުރިއަށްގެންދިއުމަށް ސަޢުދީ ޢަރަބިއްޔާއިން ހުރަސްއަޅާފައިވާކަމަށްވެސް ތުރުކީވިލާތުން ތުހުމަތުކުރެއެވެ. ސަޢުދީ ޢަރަބިއްޔާގެ ޝަރީޢަތުގައި ހުކުމްކޮށްފައިވާގޮތާއި މެދު ހިތްހަމަނުޖެހޭކަމަށް ބުނެ ތުރުކީވިލާތުން ކުރިއަށްގެންދާ ތަހުޤީޤަށް ސަޢުދީ ޢަރަބިއްޔާއިން އެއްބާރުލުން ދިނުމަށް ތުރުކީވިލާތުންވަނީ އެ ޤައުމަށް ގޮވައިލައިފައެވެ. ތުރުކީވިލާތުގައި ބާއްވާ ޝަރީޢަތުގައި ޚާޝޫޤްޖީގެ މަރާއި ގުޅޭ އައު މަޢުލޫމާތުތަކެއް އެނގިގެންދާނެކަމަށް އުންމީދުކުރާކަމަށް ޚާޝޫޤްޖީއާ ކައިވެނިކުރުމަށް ތައްޔާރުވަމުންދިޔަ ތުރުކީވިލާތުގެ ރައްޔިތެއްކަމަށްވާ ހަތީޖާ ގެންގިސްވަނީ ބުނެފައެވެ.