ޚަބަރު

ދުނބުޅި ބަދިގެތަކެއްގެ ގޮތުގައި ހުރި އިންޖީނުގެތައް ޒަމާނީކޮށް ފެނަކައިން ތަފާތު ދައްކަނީ


އެމްޑީޕީގެ ފުރަތަމަ ސަރުކާރު 2008 ވަނަ އަހަރު ވުޖޫދުވި އިރު، ރާއްޖޭގެ ރަށްތަކުގެ ކަރަންޓްގެ ހާލަތު އޮތީ ވަރަށް ދެރަވަރުކޮށެވެ. 24 ގަޑިއރުގެ ކަރަންޓް ޚިދުމަތް ލިބޭ ރަށްރަށް ނިސްބަތުން މަދެވެ. އަދި ކަރަންޓުދޭން ބޭނުންކުރި ރައްޔިތުންގެ އިންޖީނުގެތަކުގެ ތެރެއިން ގިނަ ތަންތަން ހުރީ ވަރަށް ދެރަވަރު ހާލަތެއްގައެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސް ނަޝީދުގެ ވެރިކަމުގައި އުފެއްދެވި ސަރަހައްދީ ޔުޓިލިޓީ ކުންފުނިތަކުގެ ދަށަށް އިންޖީނުގެތައް ގެންނަވައި ރާއްޖޭގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރެއްވުމަށް ކުރެއްވި މަސައްކައްތައް ބާރަށް ކުރިޔަށް ދަނިކޮށް ވެރިކަން ބަދަލުވުމާއި އެކު، ސަރަހައްދީ ހުރިހާ ޔުޓިލިޓީ ކުންފުނިތަކެއް އެއްކޮށްލައްވައި، ފެނަކަ ކޯޕަރޭޝަން އުފެއްދެވިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތަކަށް ބަލާއިރު، ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ ކަރަންޓްގެ ހާލަތު އޮތީ ނުހަނު ދަށްކޮށެވެ. ބައެއް ރަށްރަށުގެ އިންޖީނުގެތައް ހުރީ ބޮލަށް ވެއްޓޭ ހާލަތުގައެވެ. އަނެއްބައި ރަށްރަށުގައި ކަރަންޓް ދިނުމަށް އިންޖީނުތައް ބަހައްޓާފައި ހުރީ ދަގަނޑުޓިނުން ހަދާފައިވާ ފިޔަފާޅި ގަނޑެއްގެ ދަށުގައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ސައީދު ވިދާޅުވި ގޮތުގައި، ފެނަކައިން ކަރަންޓްގެ ޚިދުމަތްދޭ ރަށްރަށުގެ އިންޖީނުގެތައް ޒަމާނީ ކުރުމަށްޓަކައި މަސައްކަތްތައް ފައްޓަވާފައި ވަނީ 2019 ވަނަ އަހަރުގައެވެ.

މިގޮތުން، މުޅިން އަލަށް އިމާރާތް ކުރަންޖެހޭ 47 އިންޖީނުގެއެއްގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ 11ގެ ކުރިން މީގެ ތެރެއިން ދެބައިކުޅައެއްބައި އިންޖީނުގޭގެ މަސައްކަތް ނިންމާލެވޭނެ ކަމުގައި ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަމާޒު ހިފީ ނޮވެމްބަރު މަހުގެ 11ގެ ކުރިން 30 އިންޖީނުގޭގެ މަސައްކަތް މުޅިން ނިންމާލުމަށް. އެހެން ނަމަވެސް މަސައްކަތްތައް އެކަށީގެންވާ ބާރު މިނުގައި ކުރިޔަށް ގެންދިޔުމަށް މިއަހަރު ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވެގެން މިދިޔައީ. އެހެން ނަމަވެސް ޑިސެމްބަރު ނިމުގެ ކުރިން 30 ވުރެ ގިނަ އިންޖީނުގޭގެ މަސައްކަތް ނިންމާލެވޭނެ." ސައީދު ވިދާޅުވިއެވެ.

ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ހަވާލުވިއިރުވެސް ވަރަށް ދަށް ހާލަތުގައި ހުރި ގިނަ އިންޖީނުގެތަކެއް ހުއްޓެވެ. ފެނަކައިން ރާއްޖޭގައި، 154 އިންޖީނުގެ ހިންގަމުން ގެންދާއިރު، އޭގެ ތެރެއިން ފަސްދޮޅަހަށްވުރެ ގިނަ އިންޖީނުގެތަކުގެ ހާލަތު ވަަރަށް ދަށެވެ.

"މަސައްކަތް ކުރަމުން މިގެންދަނީ، އެންމެ ހާލަތު ގޯސްކޮށް ހުރި، 60 އިންޖީނުގޭގެ މަސައްކަތް 2021 ވަނަ އަހަރުގެ ކުރިން ނިންމުމަށް. އެހާތަނަށް ދާއިރު ފެނަކައިން ރާއްޖޭގައި ހިންގާ ހުރިހާ އިންޖީނުގެތަކެއްވެސް ވާނީ، ޒަމާނީފެންވަރުގައި ޚިދުމަތް ފޯރުކޮށްދެވޭ ތަންތަނަށް." ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ސައީދު ވިދާޅުވިއެވެ.

ފެނަކައިން މިހާރު 47 އިންޖީނުގެއެއް އަލަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަލަށް އިމާރާތްކުރާ ބައެއް އިންޖީނުގެތަކަކީ، ރައްޔިތުންނަށް އިންޖީނުގެތަކުން އުނދަގޫތައް ނުފޯރާނެހެން އެކަށީގެންވާ ސަރަހައްދެއްގައި އިމާރަތްކުރާ އިންޖީނުގެތަކެވެ. މިމަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން ބިނާކުރާ އެއް އިންޖީނުގެއަކީ، ރ ފައިނުގައި އަަލަށް އިމާރަތްކުރާ އިންޖީނުގެއެވެ. 16 ސެޕްޓެމްބަރު 2019ގައި އެއިންޖީނުގޭގެ މަސައްކަތް ފެށި އިރު މިހާރު އެއިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތުގެ %91 ވަނީ ނިމިފައެވެ.

ފައިނުގެ އިންޖީނުގެ އަކީވެސް، ވަރަށް ހާލަތު ގޯސްކޮށް ހުރި އިންޖީނުގެއެކެވެ. އެހެންކަމުން އެރަށުގެ ކަރަންޓްގެ ހާލަތު ޒަމާނީ ފެންވަރަށް ބަދަލު ކުރުމަށް މިސަރުކާރުން ފެއްޓެވި މަސައްކަތްތައް ނިންމައި މިއަހަރު ނިމުމުގެ ކުރިން ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުންވެސް އެތައް އިންޖީނުގެއެއްގެ މަސައްކަތް ނިމުމާއި ހަމައަށް އަައިސްފައިވާއިރު، މިމަސަައްކަތްތަކަށްވެސް ކެޕިޓަލް ޚަރަދުގެ ގޮތުގައި، 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ސަރުކާރުން ޚަރަދު ކުރައްވައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ސައީދު، ވިދާޅުވި ގޮތުގައި، ފެނަކައިން ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް، ރަށްރަށުގެ ހާލަތު ދަށްކަމެވެ. މިގޮތުން ބައެއް ރަށްރަށުގައި އެޅިފައި ހުރި، ކަރަންޓް ނެޓްވޯކް ތަކަކީ، މީގެ 25 ނުވަތަ 30 އަހަރު ކުރީގެ ނެޓްވޯކްތަކަކަށް ވުމުން، ގިނަ ރަށްރަށުގައި ކަރަންޓް ނެޓްވޯކްތައްވެސް ވަނީ ބަދަލު ކުރަންޖެހިފައެވެ. އަދި ޖަނަރޭޓަރ ސެޓްތައް މަރާމާތު ކުރުމަށްޓަކައި ޖެނުއިން ސްޕެއާ ހޯދުމުގައިވެސް ދަތިތައް ކުރިމަތިވާކަން ސައީދު ފާހަގަކުރެއްވިއެވެ.

ގޮންޖެހުންތައް ހުރިހަމަވެސް ފެނަކައގެ އަމާޒަކީ، ދަތިނުވެ 25 އަހަރަށް ވުރެ ގިނަ ދުވަހަށް ބޭނުން ކުރެވޭނެ މިންވަރަށް ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކޮށް ކަރަންޓް ނެޓްވޯކްތައް ބަދަލުކޮށް 2021 ވަނަ އަހަރު އެކުންފުނީގެ ހުރިހާ އިންޖީނުގެތަކެއް އެންމެ މިޒަމާނާއި އެއްގޮތަށް ބަދަލު ކުރުމެވެ.

ކަރަންޓްގެ ޚިދުމަތް ފަށައިގަތްއިރު، ރަށްރަށުގައި އިންޖީނުގެތައް ބިނާކުރެވިފައި ހުރީ، ރަށުގެ ގެތަކުގެ މެދުގައެވެ. އިންޖީނުތަކުން އިވޭ ގަދަ އަޑާއި ބުރާ ދުނބުޅީގެ ސަބަބުން އާއްމުންނަށް އެތައް ގިނަ ގެއްލުންތަކަކާއި ތުރާތަކެއް އައީ ކުރިމަތިވަމުންނެވެ.

ރަށްރަށުގެ ހާލަތަށް އަންނަ ހެޔޮބަދަލު އެންމެ ރަނގަަޅަށް މިއަދު އެނގޭނީ، އެބަދަލުތައް އަންނަމުންދާ، ރ ފައިނާއި، ހއ އުތީމާއި، ހއ އުލިގަމާއި މިނޫންވެސް ރަށްރަށުގެ ރައއްޔިތުންނަށެވެ. ދުނބުޅި އިންޖީނުގެތައް ޒަމާނީކުރެވި އައު ވަޒީފާތަކާއި، އިޤުތިޞާދީ ފުރުޞަތުތައް މިއިން ކޮންމެ މަޝްރޫއަކާއި އެކު ކޮންމެ ރަށަކަށްވެސް އަންނާނެއެވެ. އެހެންކަމުން މިއަދު ފެނަކަ ކޯޕަރޭޝަނުން ދައްކަމުން އެދަނީ ކަރަންޓްގެ ޚިދުމަތް ދިނުމުގައި ކުރީގެ ސަރުކާރުތަކާއި މިސަރުކާރުގެ ތަފާތެވެ.