މަޢުލޫމާތު ފޯރުކޮށްދިނުމަކީ އިދާރާތަކަށް އޮތް އިޚުތިޔާރީ ކަމެއްނޫން ކަމަށާއި އެއީ ރައްޔިތުންގެ ޙައްޤެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
މިއަދު ބައިނަލްއަޤްވާމީގޮތުން ފާހަގަކުރަމުންދާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދުވަހާ ގުޅޭގޮތުން ވާރޗުއަލްކޮށް ބޭއްވި ޖަލްސާގައި ރައީސްގެ ޚިޠާބު އިއްވަވައިދެއްވާފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރ ހުސެއިން ފިޔާޒް މޫސާއެވެ.
ރައީސްގެ ޚިތާބުގައި ވިދާޅުވީ، ދަޢުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު ހިއްސާނުކޮށް ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެއް ނޫންކަމަށެވެ. އަދި މަޢުލޫމާތު ހޯދައިދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭކަން ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މައުލޫމާތު ހޯދުމުގެ ޙައްގަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި މިނިވަން މުއައްސަސާއެއް ގާއިމުކުރުމުގެ މަގްސަދަކީވެސް އެ ހައްޤު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުން ކަމަށެވެ.
" މައުލޫމާތު ފޯރުކޮށްދިނުމަށް މުއައްސަސާތަކުން ހާމަކަން ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭ. ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމަށް ހުރަސް ނާޅައި އެކަމަށް މަގު ފަހިކޮށްދިނުމަކީ ދައުލަތުގެ ހުރިހާ މުވައްޒަފުންނާއި އިދާރާތަކުގެ ޒިންމާއެއް. މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް 29 ވަނަ މާއްދާގައި ބުނެފައިވާ އިރު މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން އާންމުކޮށް ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތުތައް ހާމަ ކުރުމަކީ ކޮންމެ އިދާރާއަކުން އިސްކަންދޭ ކަމަކަށް ހަދަންޖެހޭ." ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާލުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މައުލޫމާތު ހާމަ ކުރުމަށް އިސްކަން ދޭ ވަރަކުން އެ ބައެއްގެ ނަޒާހަތްތެރިކަން އިތުރުވެގެންދާނެކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ އަސާސީ ހައްގުތަކެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިން ކަން ފާހަގަކުރައްވާ ރައީސް ވަނީ، ގާނޫނުއަސާސީގައި ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ މިހައްގުތައް ރައްޔިތުންނަށް ލިބިގެންކަން ފާހަގަ ކުރައްވާފައެވެ.
"ޚަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ޚިޔާލުތައް އާންމުކޮށް ޝާއިއުކުރުމާއި ފެތުރުމަކީ އާންމުންނަށް ލިބިގެންވާ މިނިވަންކަމެއް. އެ ޙައްގު ކަށަވަރުވެގެންދާނީ މިނިވަން ނޫސްވެރިކަމަށް މަގުފަހިކޮށްދީގެން" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.
ރައީސްގެ ޚިޠާބުގައި ވަނީ އާންމުން ޚިޔާލު ފާޅުކުރުމަކީ ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާއި ޚިޔާނަތާއި މަކާރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށްޓަކައި މުހިންމު ކަމެއްކަން ފާހަގަ ކުރައްވާފައެވެ. އަދި މައުލޫމާތު ހާމަކުރުމަށް ފަސްޖެހޭ ވަރަކަށް، އެ ބައެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.