ކުޅިވަރު

ހޮފެންހައިމުން ބަޔާން މޮޅުވުމުގެ ސިލްސިލާއަށް ނިމުން ގެނެސްފި


ބަލިނުވެ 32 މެޗު ފުރިހަމަ ކުރި ބަޔާން މިޔުނިކް ހޮފެންހަމް އަތުން ބަލިވެއްޖެއެވެ.

މި މެޗުން ބަޔާން މިއުނިކް ބަލިވީ 1-4 ގެ ނަތީޖާއަކުންނެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހަށްފަހު މެޗަކުން ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ހޮފެންހައިމްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާމިން ބައިކާޗިކްއެވެ. އޭނާ މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 16 ވަނަ މިނެޓްގައެވެ. ދެ ވަނަ ލަނޑު މޫނާސް ޑާބާ ކާމިޔާބުކުރީ 24 ވަނަ މިނެޓްގައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާން މިއުނިކުން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަޔާންގެ ޖޯޝުއާ ކިމިޗްއެވެ.

މި މެޗުގައި ބަޔާނުގައި ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 77 ވަނަ މިނެޓުގައި ހޮފެންހަމުން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންދްރެއި ކްރަމަރިޗެވެ. އަދި އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކްރަމަރިޗް ވަނީ ހޮފެންހަމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

ލީގުގައި ކުޅުނު ދެވަނަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން ބަލިވިއިރު، އެ ޓީމު މިހާރު އޮތީ ލީގު ތާވަލުގެ ހަވަނައިގައި ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ. ބަޔާން ބަލިކުރި ހޮފެންހައިމް އޮތީ ތާވަލުގެ އެއްވަނައިގައި ދެ މެޗުން ހަ ޕޮއިންޓާއެކުއެވެ.