ދުނިޔެ

ފުރަތަމަ 5 ގަޑިއިރުގެ ތެރޭ 72 ހާހަށްވުރެ ގިނަ މީހުން އުމްރާއަށް ރަޖިސްޓްރީކޮށްފި


އުމްރާގެ އަޅުކަމަށް ރަޖިސްޓްރީވުމަށް ހުޅުވާލުމުން ފުރަތަމަ 5 ގަޑިއިރުގެ ތެރޭގައި 72 ހާހަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެެޅި ފިޔަވަޅެއްގެ ގޮތުން ޙަރަމުފުޅު ބަންދުކޮށްފައި އޮންނަތާ 6 މަސްދުވަހުން އަންނަ މަހުގެ 4 ވަނަދުވަހުން ފެށިގެން އުމްރާގެ އަޅުކަމަށް އަލުން ހުޅުވާލުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން އުމްރާގެ އަޅުކަމަށް ހުޅުވާލަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އުމްރާގެ އަޅުކަމަށް ފުރަތަމަ ހުއްދަދޭން ހަމަޖެހިފައިވަނީ މައްކާގައި ދިރިއުޅޭ ރައްޔިތުންނަށެވެ. މައްކާގައި ދިރިއުޅޭ ރައްޔިތުންނަށް މިއަދުން ފެށިގެން އުމްރާއަށް ޙަރަމްފުޅަށް ވަދެވޭނެއެވެ. އުމްރާއަށް ރަޖިސްޓްރީ ވާންޖެހެނީ އެކަމަށް ހާއްސަކޮށްފައިވާ މޯބައިލް އެޕަކުންނެވެ. މި އެޕް އާއްމުކުރުމާއި އެކު ފުރަތަމަ 5 ގަޑިއިރުގެ ތެރޭގައި 72 ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

އުމްރާއަށް ހުޅުވާލުމުން ފުރަތަމަ ފިޔަވަހީގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ޙަރަމްފުޅުގެ 30 އިންސައްތަ ޖާގަ ފުރޭވަރަށެވެ. އެއީ ދުވާލަކު 6000 މީހުންނަށެވެ. އުމްރާއަށް ނުކުންނަ މީހުންނަށް ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. މީގެތެރޭގައި ކޯވިޑަށްް ފުރަތަމަ ޓެސްޓްކުރަންޖެހޭއިރު އެއްވެސް ބަޔެއް ހުންނަ މީހަކަށް އުމްރާގެ އަޅުކަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

މައްކާއިން ބޭރު ސައުދީ އެހެން ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލަން ހަމަޖެހިފައިވަނީ ރަބީއުލްމަހުގެ 1 ވަނަދުވަހުއެވެ. އެއީ އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. މި ފިޔަވަހީގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ޙަރަމްފުޅުގެ 75 އިންސައްތަ ޖާގަ ފުރޭވަރަށެވެ. 15000 މީހުން އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ދޭނެއެވެ. މި ފިޔަވަހީގައި ދުވާލަކު 40000 މީހުންނަށް ޙަރަމްފުޅަށް ވަދެވޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާއަށް އަންނަ ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލާނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެއީ ރަބީލްއައްވަލް މަހުގެ 15 ވަނަދުވަހެވެ. އާއްމުކޮށް ހުޅުވާލާއިރު ހަރަމްފުޅުގެ 100 އިންސައްތަ ހުޅުވާލިނަމަވެސް އުމްރާގެ އަޅުކަން އަދާކުރުމަށް މި ފިޔަވަހީގައިވެސް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 20 ހާސް މީހުންނަށެވެ. އަދި ދުވާލަކު ޙަރަމްފުޅަށް ވަދެވޭނީ 60 ހާސް މީހުންނަށެވެ.

ކޯވިޑްގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާތީ މި އަހަރުގެ ޙައްޖުގެ އަޅުކަންވެސް ސައުދީ ސަރުކާރުން ކުރިޔަށް ގެންގޮސްފައިވަނީ 10 ހާސް މީހުންނާއި އެކުއެވެ. ސައުދީގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންވެސް ހިމެނޭ ގޮތަށް ޙައްޖުގެ އަޅުކަން ކުރިޔަށް ގެންދިޔައީ ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކެއް އެޅުމަށްފަހުއެވެ.