މުނިފޫހިފިލުވުން

ދިޕިކާ، ސާރާ އަދި ޝަރްދާވެސް ތުހުމަތުތަކަށް ކުރީ އިންކާރު

ބޮލީވުޑްގެ ކުރިއަރަމުން އައި ޒުވާންތަރި ސުޝާންތު ސިންގ ރާޖުޕޫތްގެ މަރާއި އެކު މިހާރު މިވަނީ އެތައް މައްސަލަތަކެއް ފެންމަތިވެފައެވެ. ބައެއް މީހުން ދެކޭ ގޮތުގައި ސުޝާންތަގެ މަރުގެ މައްސަލައަށް ވުރެ މިހާރު ބޮޑީ ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއްގެ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

އަމިއްލައަށް މަރުވިކަމަށް ބުނާ ސުޝާންތުގެ މަރުގައި ޝައްކުވާ އެތައް ސުވާލުތަކެއް އުފެދި އެ މައްސަލަ ބެލުމަށް ސީބީއައިގެ ޓިމަކާއި ހަވާލުކުރިއެވެ. ސުޝާންތްގެ މަރާއި ގުޅިގެން ތުހުމަތުގެ އިނގިލި އެންމެ ބޮޑަށް ދިއްކުރަމުން ދިޔަ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީއާއި މި މައްސަލާގައި ސުވާލުކުރަން ފެށުމުން ނުކުތީ މުޅިން އެހެން މައްސަލައެކެވެ. ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކާއި ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލަތަކެވެ.

މަސްތުވާތަކެތީގެ މައްސަލާގައި ރިއާ ހައްޔަރުކޮށް މަސްތުވާތަކެތި ބޭނުންކުރާކަމަށް އޭނާ ބުނި ބައެއް ތަރިންނާއި ނެޝަނަލް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަންނަނީ ސުވާލުކުރަމުންނެވެ. މި މައްސަލާގައި ދީޕިކާ ޕަޑުކޯންނާއި ޝްރަދާއި ކަޕޫރާއި ސާރާ އަލީ ހާން އެންސީބީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އެހެންނަމަވެސް މި ތިން ތަރިންވެސް ވަނީ އެމީހުންނާއި މެދު ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

މައްސަލާގައި އެންމެ ބޮޑު ތުހުމަތުތަކެއް ކުރެވިފައިވަނީ ދިޕިކާއަށެވެ. އޭނާގެ މައްޗަށް ތުހުމަތުކުރޭ އެންމެ ބޮޑު މައްސަލައަކީ އޭނާ އެޑްމިންގެ ގޮތުގައި ހިމެނޭ ވަޓްސްއަޕް ގްރޫޕެއްގައި މަސްތުވާތަކެތި ހޯދުމަށް ވާހަކަ ދައްކާފައި ހުރުމެވެ. ދިޕިކާ މި ވާހަކަ ދައްކާފައިވަނީ އޭނާގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ކަރިޝްމާ ޕްރަކަޝްއާ އެވެ. މި ޗެޓް ލޮޖްތައްވެސް ވަނީ ލީކްވެފައެވެ.

މި މައްސަލާގައި އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ދީޕިކާ ވަނީ އެ ޗެޓްލޮޖްތަކަކީ އަސްލު އެއްޗެއްކަމަށް ބުނެ އެ މުއާމަލާތު ހިނގިކަމަށް އެބަސްވެފައެވެ. އެހެންނަމަވެސް މި މައްސަލާގައި އިންޑިއާގެ އެކި މީޑިއާތަކުން އެކި ހަބަރުތައް ފަތުރަމުން އަންނަތީ އަސްލު އަދި ސާފެއް ނުވެއެވެ. އަދި މިކަމުގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލާގައި މި ތިން ތަރިން ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު ބަޔާން ނެގުމުގައި އެތައް ގަޑިއިރެއް މި ތަރިން ނާކޮޓިކްސް އެންސީބީގައި ހޭދަކުރަން ޖެހުނުކަމަށް ވެއެވެ. މި ތަރިންގެ އިތުރު ފިރިހެން ބައެއް ސްޓާރުންނާއިވެސް މި މައްސަލަ އާއި ވަނީ ގުޅިފައެވެ. އެގޮތުން ރިތިކާއި ޝާހިދު ކަޕޫރާއި އަރުޖުން ރާމްޕާލްވެސް އަންނަ ހަފްތާގައި ތަހުގީގަށް އެންސީބީއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.