ދުނިޔެ

ވެކްސިން ލިބުމުގެ ކުރިން ދެ މިލިއަން މީހުން މަރުވެދާނެ


ކޯވިޑްގެ ވެކްސިން ލިބި އޭގެ ބޭނުން ގިނަ ބަޔަކަށް ކުރެވުމުގެ ކުރިން މި ބަލީގައި މަރުވާ މީހުންގެ އަދަދު ދެ މިލިއަނަށް ވުރެ މައްޗަށް އެރުން އެކަށީގެންވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

މި އަހަރު ކުރީކޮޅު ޗައިނާއިން އުފަންވި ކޯވިޑް މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ފެތުރި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ބައްތިރީސް މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ މިލިއަނަކާއި ގާތްކޮށްފައެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ. އެ ޤައުމުން މި ބަލީގައި ދެ ލައްކަ ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.

ޑަބްލިއުއެޗްއޯގެ އޮފިޝަލެއްކަމަށްވާ ޑރ މައިކް ވިދާޅުވީ ކޯވިޑްގެ ވެކްސިން ގިނަ ބަޔަކާއި ހަމައަށް ފޯރުމުގެ ކުރިން މި ބަލީގައި މަރުވާ މީހުންގެ އަދަދު ދެ މިލިއަނަށް ވުރެ މައްޗަށް އަރާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވިއްޖެނަމަ މި އަދަދު އިތުރުން އެކަށިގެންވާކަމަށްވެސް ޑރ މައިކް ވިދާޅުވިއެވެ.

މި ބައްޔަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް އަންނަނީ އެކި ޤައުމުތަކުން ކުރަމުންމެވެ. މި ގޮތުން ރަޝިޔާގައި އުފެއްދި ވެކްސިން މިހާރުވަނީ ދޭން ފަށާފައެވެ.

ކޯވިޑް ކޮންޓްރޯލްކުރެވުނު ބައެއް ޤައުމުތަކުން އެ ބަލީގެ ދެވަނަ ރާޅެއް އަނެއްކާވެސް ވަނީ ފެންނަން ފަށާފައެވެ. އަދި ބައެއް ޤައުމުތަކުގައި އަނެއްކާވެސް ހަރުކަށި ފިޔަވަޅުތައް ވަނީ އަޅަން ފަށާފައެވެ.