ދުނިޔެ

އައު ސަރުކާރެއް ޤާއިމުނުކުރެވި އަދީބު އިސްތިއުފާ ދެއްވައިފި


ލުބުނާނުގެ އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ވަގުތީ ބޮޑުވަޒީރުގެ މުސްޠަފާ އަދީބު އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. ލުބްނާނުގެ ރައީސް މިޝެލް އައުން ވަނީ މުސްތަފާ އަދީބުގެ އިސްތިއުފާ ޤަބޫކުރައްވާފައެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގައި ހިނގި ނުރައްކާތެރި ބޮޑު ގޮވުންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބި އެ ސަރަޙައްދު އެއްކޮށް ސުންނާފަތިވުމުން އެ ހާދިޘާ މެދުވެރިވީ ސަރުކާރުގެ އިހުމާލުންކަމަށް ބުނެ ޤައުމުގެ ރައްޔިތުންވަނީ މުޒާހަރާކޮށްފައެވެ.

އެއަށްފަހު އޭރު ބޮޑުވަޒީރުގެ ގޮތުގައި ހުންނެވި ހަސަން ދިއާބާއި އޭނާގެ ސަރުކާރުވަނީ އިސްތިޢުފާ ދެއްވާފައެވެ. އެއަށްފަހު 2013ވަނަ އަހަރުން ފެށިގެން ޖަރުމަނުވިލާތަށް ލުބުނާނުން ކަނޑައަޅާފައި ހުންނެވި ސަފީރު އަދީބު ބޮޑުވަޒީރުގެ ގޮތުގައި އައްޔަނުކުރުމަށް ޤާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުންވަނީ ތާއީދުކޮށްފައެވެ. އަދި ހަ ހަފުތާގެ ތެރޭގައި ލުބުނާނުގެ އައު ސަރުކާރު އެކުލަވާލުމަށް އޭނާއަށްވަނީ ޙަވާލުކޮށްފައެވެ.

ނަމަވެސް ދީފައިވާ މުއްދަތުގެ ތެރޭގައި އަދީބަށް ސަރުކާރެއް އެކުލަވާލެވިފައެއް ނުވެއެވެ. ސަރުކާރު އެކުލަވާލުމުގައި ދެބަސްވުން އުފެދިފައިވަނީ ޝީޢީ މައި ދެ ޕާޓީކަމަށްވާ ހިޒްބުﷲއާއި އާމާލް މޫވްމަންޓުން ޝީޢީ ވަޒީރުން ޢައްޔަނުކުރުމަށް ޝަރުތުކުރަމުން ދިޔުމުންނެވެ. އެގޮތުން އެންމެ ބޮޑު ޚިޔާލިތަފާތުވުންތައް ކުރިމަތިވެފައިވަނީ އައު ސަރުކާރުގެ މާލީ ވަޒީރުގެ ގޮތުގައި ޢައްޔަނުކުރާނެ ބޭފުޅަކާ ގުޅޭގޮތުންނެވެ.

ޓީވީ މެދުވެރިކޮށް ދެއްބި ހިޠާބެއްގައި އަދީބު ވިދާޅުވީ ސަރުކާރެއް އެކުލަވާލުމުގެ މަސްޢޫލިއްޔަތުން އެއްފަރާތްވުމަށް ނިންމަވާފައިވާކަމަށާއި އެގޮތަށް ނިންމަވާފައިވަނީ ލުބުނާނުގެ ރައީސް މިޝެލް އައުންއާ ބައްދަލުކުރެއްވުމަށްފަހުގައި ކަމަށެވެ. ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ދޫކޮށްލަށްވަން ނިންމެވި ނިންމެވުމަށްޓަކައި އޭނާވަނީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ.

އައު ސަރުކާރެއް އެކުލަވާލުމަށް ނުކުޅެދިއްޖެނަމަ ލުބުނާނުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވާނެކަމުގެ އިންޒާރު ރައީސް އައުންވަނީ މީގެ ކުޑަ ދުވަސްކޮޅެއްކުރިން ދެއްވާފައެވެ. އަދީބުގެ އިސްތިޢުފާގެ ސަބަބުން ބޮޑު ގޮވުންތަކުގެ ކުރިންވެސް އަނދަވަޅަކަށް ވެއްޓިފައިވާ ލުބުނާނުގެ އިޤްތިޞާދު އިތުރަށް ހީނަރުވާނެކަމަށް މާހިރުން ޤަބޫލުކުރެއެވެ.