ދުނިޔެ

އުތުރު ކޮރެއާގެ ނުރައްކަލުން ރައްކާތެރިވުމަށް ޖަޕާނާއި ގުޅިގެން ދެކުނު ކޮރެއާ މަސައްކަތްކުރަންޖެހޭ


އުތުރު ކޮރެއާގެ ސަބަބުން އޮތް ނުރައްކަލުން ރައްކާތެރިވުމަށް ޖަޕާނާއި ދެކުނު ކޮރެއާ ގުޅިގެން އެކުގައި މަސައްކަތްކުރަންޖެހޭކަމަށް ޖަޕާނުގެ އައު ބޮޑުވަޒީރު، ޔޮޝިހިޑޭ ސޫގާ ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު ސޫގާ އެހެން ވިދާޅުވީ ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ އިންއާ ކުރެއްވި ފޯނު ކޯލެއްގައެވެ.

ފާއިތުވި އަހަރުގެ ތެރޭގައި ޖަޕާނާއި ދެކުނު ކޮރެއާއާ ދެމެދު އޮންނަ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ދެ ޤައުމުގެ ދެމެދުގައި މައްސަލަ ބޮޑުވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި މީގެ އެތައް އަހަރުތަކެއް ކުރިން ކުރިމަތިވެފައިވާ ބައެއް މައްސަލަތަކާ ގުޅިގެންނެވެ.

ރައީސް މޫން ޖައެ އިންއާ ކުރެއްވި ފޯނު ކޯލަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޮޑުވަޒީރު ސޫގާ ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އެގޮތުގައި ބޭއްވުން ރަނގަޅު ނޫންކަމަށް ޖަޕާނުގެ ރައީސަށް ދެންނެވިކަމަށެވެ. އުތުރު ކޮރެއާގެ މައްސަލައާއި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން މައްސަލަތަކުގައި ޖަޕާނާއި ދެކުނު ކޮރެއާއާ އެކުގައި މަސައްކަތްކުރުމުގެ އިތުރުން ދެ ޤައުމުން އެމެރިކާއާއެކު މަސައްކަތްކުރުން މުހިންމުކަން ފާހަގަކުރެއްވިކަމަށް ބޮޑުވަޒީރު ސޫގާ ވިދާޅުވިއެވެ. އަދި ދެކުނު ކޮރެއާގެ ފަރާތުން ބޭނުންވާ އެއްބާރުލުން ހޯދުމުގައި ދެމިތިބޭނެކަމަށް ބޮޑުވަޒީރު ސޫގާ ވިދާޅުވިއެވެ.

ޖަޕާނުން ބުނީ އެ ޤައުމުގެ ފަރާތުން ދެކުނު ކޮރެއާއާ ވާހަކަދެއްކީ އެ ޤައުމުން އެކަމަށް އެދުމުންކަމަށެވެ. މިދިޔަ ހަފުތާގައި ޖަޕާނުގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވި ސޫގާއަށް ފޮނުއްވި ސިޓީއެއްގައި ރައީސް މޫން ޖައި އިންވަނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ރަނގަޅުކުރުމަށް އެ ޤައުމުން މަޝްވަރާތައްކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ދަންނަވާފައެވެ.