ދުނިޔެ

އދ. އިން ޔަމަނަށް ދެމުންދިޔަ އެހީތެރިކަމުގެ ބޮޑު ބައެއް ކަނޑާލައިފި


އދ.ގެ ފަރާތުން ޔަމަނަށް ފޯރުކޮށްދެމުންދިޔަ އެހީތެރިކަން އެ ޤައުމުގެ 300 ޞިއްޙީ މަރުކަޒަކުން ކަނޑާލައިފައިވާކަމަށް އދ.ން ބުނެފިއެވެ.

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނަށް ފޯރުކޮށްދެމުންދިޔަ އެހީތެރިކަން ކަނޑާލުމަށް އދ.އަށް މަޖުބޫރުވެފައިވައިވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބެމުންދިޔަ ފައިސާގެ އެހީ ނުލިބުމުގެ ސަބަބުންކަމަށް އެ އިދާރާއިން ބުނެއެވެ. ޔަމަނުގެ ރައްޔިތުންނަށް ދިރިހުރުމަށް ކޮންމެހެން މުހިންމު ކާބޯތަކެތި ފޯރުކޮށްދިނުމުގައިވެސް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ އދ. އިން ބުންޏެވެ.

މި އަހަރުގެ އޭޕްރިލް މަހާއި އޮގަސްޓު މަހާއި ދެމެދު އދ.ގެ ފަރާތުން ޔަމަނަށް ފޯރުކޮށްދެމުންދިޔަ އެހީތެރިކަމުގެ ޙަރަކާތްތަކުގެ ތިން ބައިކުޅަ އެއްބައި ހުއްޓުމަކަށް އައިސްފައިވާކަމަށް އެ އިދާރާއިން ބުންޏެވެ. ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު މާލީ އެހީތެރިކަން ނުލިބިއްޖެނަމަ އިތުރު އެހީތައް ކަނޑާލަންޖެހިދާނެކަމުގެ އިންޒާރު އެ އިދާރާއިންވަނީ ދީފައެވެ.

ޔަމަނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ އދ.ގެ ކޯޑިނޭޓަރު ލީސާ ގްރާންޑޭ ވިދާޅުވީ ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ 3.2 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ އެއް ބިލިއަން އެމެރިކާ ޑޮލަރުކަމަށެވެ. މި ޙާލަތުގައި ގޮތް ހުސްވެފައިވާކަމަށާއި ޔަމަނަށް ކުރިމަތިވެފައިވާ ޙާލަތަކީ ދުނިޔެއަށް ކުރިމަތޮވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިޘާގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ކަން އެހެން އޮތް ނަމަވެސް ޔަމަނުގައި ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށް ބޭނުންވާ ވަޞީލަތްތައް ލިބެން ނެތްކަމަށާއި އެދެވޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ނުކުޅެދިއްޖެނަމަ ޙާލުގައި ޖެހިފައިވާ މީހުން މަރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހަނގުރާމައިގެ ޙާލަތުގައި ގިނަ އަހަރުތަކެއްވަންދެން އޮތުމުގެ ސަބަބުން ޔަމަނުގައި އެތައް ހާސް ޢާންމުންވަނީ މަރުވެފައެވެ. އދ. އިން ބުނީ ޔަމަނުގެ އާބާދީގެ ތިންބައި ކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ކަމަށްވާ 24 މިލިއަން މީހުންނަށް އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވެފައިވާކަމަށެވެ.

މިދިޔަ ހަފުތާގައި އދ.ގެ އިސް ދެ އޮފިޝަލުން ވަނީ ޔަމަނުގެ ޙާލަތާމެދު ހުރި ކަންބޮޑުވުންތައް އދ.ގެ ސަލާމަތީ މަޖިލީހާ ޙިއްޞާކޮށްފައެވެ. އެބޭފުޅުންވަނީ ވަޢުދުވެފައިވާ ގޮތާ އެއްގޮތަށް ޢަރަބި ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދީފައިނުވާތީ އެ ޤައުމުތަކަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.