ޚަބަރު

މާލީގެ އިންތިޤާލީ ރައީސަކަށް އެ ޤައުމުގެ ކުރީގެ ދިފާޢީ ވަޒީރު


މާލީގެ އިންތިޤާލީ ރައީސްގެ ގޮތުގައި އެ ޤައުމުގެ ކުރީގެ ދިފާޢީ ވަޒީރު ބާ އެންޑައުގެ ނަން އިޢުލާނުކޮށްފިއެވެ.

އޮގަސްޓު މަހުގެ 18ވަނަ ދުވަހު މާލީގެ އަސްކަރިއްޔާއިން ސަރުކާރާ ދެކޮޅަށް ކުރި ބަޣާވާތަށްފަހު އެ ޤައުމުގެ ރައީސްގެ ގޮތުގައި ހުންނެވި އިބްރާހިމް ބޫބަކުރު ދެއިތާވަނީ މަޤާމުން އިސްތިޢުފާދެއްވާފައެވެ. އެއާއެކު އެކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އީކޯވަސް)އިން ވަނީ ޤައުމުގެ ހިންގުން ވީ އެންމެ އަވަހަކަށް ރައްޔިތުންނާ ޙާވާލުކުރުމަށް ބަޣާވާތްކުރި ފަރާތްތަކަށް ގޮވާލައި ފިއްތުންތައް ކުރިމަތިކޮށްފައެވެ. އީކޯވަސްއިންވަނީ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހުގެ ކުރިން އިންތިޤާލީ ރައީސެއްގެ ގޮތުގައި ބޭފުޅަކު ޢައްޔަނުކުރުމަށް ގޮވާލައިފައެވެ. އެ ފަރާތުންވަނީ އިންތިޤާލީ ރައީސެއްގެ ގޮތުގައި ކަނޑައަޅައި ބޭފުޅަކީ ޢާންމުންގެ މީހަކަހަށް ވާންޖެހޭނެކަމަށް ޝަރުތުކޮށްފައެވެ. ނަމަވެސް ވަކި ޝަރުތުތަކާއެކު އަސްކަރިއްޔާއަށް ނިސްބަތްވާ ފަރާތަކުން ނައިބު ރައީސްގެ ގޮތުގައި ހުރުމުގައި މައްސަލައެއް ނެތްކަމަށްވަނީ ބުނެފައެވެ.

ޓީވީ މެދުވެރިކޮށް ކުރެއްވި އިޢުލާނެއްގައި މާލީގެ ނޭޝަނަލް ކޮމިޓީ ފޮރ ދަ ސެލްވޭޝަން އޮފް ދަ ޕީޕަލްގެ އިސްވެރިޔާ، ކޮލޮނެލް އައްސިމީ ގޮއިތާވަނީ އިންތިޤާލީ ރައީސްގެ ގޮތުގައި ބާ އެންޑައުގެ ނަންފުޅު އިޢުލާނުކުރައްވާ، އިންތިޤާލީ މުއްދަތުކަމުގައިވާ 18 މަސް ދުވަހު ވެރިކަމާ ޙަވާލުވެ ހުންނަވާނީ ބާ އެންޑައުކަމަށް ވިދާޅުވެފައެވެ. އޭނާގެ ނައިބު ރައީސްގެ ގޮތުގައި ހުންނަވާނީ ގޮއިތާއެވެ.

އިންތިޤާލީ ސަރުކާރު ހިންގުމަށް އެންޑައުއާއި ގޮއިތާ ކަނޑައަޅާފައިވަނީ އިންތިޚާބެއް ބޭއްވުމުގެ ކުރިން ފާއިތުވާ 18 މަސް ދުވަހު ޤައުމުގެ ކަންކަން ބަލަހައްޓާނެ ފަރާތެއް ކަނޑައެޅުމަށް ބަޣާވާތްކުރި ފަރާތުން އުފައްދާފައިވާ 17 މީހުންގެ ކޮމިޓީއަކުންނެވެ. ދެ ބޭފުޅުންވެސް މަޤާމުގެ ޙުވައިކުރެއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 25ވަނަ ދުވަހުގައެވެ.