ޚަބަރު

ސައްރާޖު މަޤާމާ ދުރަށްވަޑައިގަތަސް ލީބިޔާގެ ސަރުކާރަށް ވާގިވެރިވާނަން: ތުރުކީވިލާތް

އދން ބަލައިގަނެފައިވާ ލީބިޔާގެ ސަރުކާރު، ގޮވަމަންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) ގެ ބޮޑުވަޒީރު، ފާއިޒް އައްސައްރާޖު މަޤާމުން އިސްތިޢުފާ ދެއްވިނަމަވެސް ޖީއެންއޭއަށް ވާގިވެރިވުމުގައި ތުރުކީވިލާތުން ދެމި އޮންނާނެކަމަށް އެ ޤައުމުން ބުނެފިއެވެ.

އައްސައްރާޖަކީ ޖީއެންއޭގެ ސަރުކާރުގެ އެންމެ އިސް ފަރާތެވެ. އެ ސަރުކާރު މަރުކަޒުވެފައިވަނީ ވެރިރަށް ތުރާބުލުސްގައެވެ. އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭ ޙަރަކާތްތެރިވަނީ ދެކުނާއި އުތުރުގެ ސަރަޙައްދުތަކުގައެވެ. އދން ބަލައިގަނެފައިވާ ޖީއެންއޭއާއި އެލްއެންއޭއާމެދު ކުރިމަތިލުންތައް ހިންގާތާ ގިނަ އަހަރުތަކެއްވަނީ ވެފައެވެ. އެ ހަމަނުޖެހުންތަކުގައި މިޞްރާއި ޔޫއޭއީއާއި ރަޝިޔާއިން ވާގިވެރިވަނީ އެލްއެންއޭއަށެވެ. ޖީއެންއޭއަށް ވާގިވެރިވަނީ ތުރުކީވިލާތުންނެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަޤާމުން އިސްތިއުފާ ދެއްވަން ބޭނުންވެވަޑައިގަންނަވާކަމަށް އައްސައްރާޖުވަނީ އިޢުލާނުކުރައްވާފައެވެ. ޓީވީ މެދުވެރިކޮށް ދެއްވި ހިޠާބެއްގައި އައްސައްރާޖު ވިދާޅުވީ އޭނާގެ ހުރިހާ މަސްޢޫލިއްޔަތުތައް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ދެން މަޤާމާ ޙަވާލުވެލައްވާ ބޭފުޅުކަށް ޙަވާލުކުރައްވަން ބޭނުންފުޅުވާކަމަށެވެ. އޭނާގެ ނިންމެވުމާމެދު ތުރުކީވިލާތުންވަނީ ކަންބޮޑުވުން ފައުޅުކޮށް، ނިންމުމާމެދު ހިތާމަކުރާކަމަށް ބުނެފައެވެ.

ތުރުކީވިލާތުގެ ރައީސް، ރަޖަބު ޠައްޔިބު އުރުދުޣާންގެ ތަރުޖަމާނު އިބްރާހިމް ކާލިން ވިދާޅުވީ ލީބިޔާގެ ވެރިރަށް ތުރާބުލުސްގައި މަރުކަޒުވެފައިވާ ޖީޢއެންއޭއަށް ތުރުކީވިލާތުން ވާގިވެރިވާނެކަމަށާއި ލީބިޔާގެ ސަރުކާރާއެކު ތުރުކީވިލާތުން ވެފައިވާ އެންމެހާ އެއްބަސްވުންތަކަށް އެ ޤައުމުން ޢަމަލުކުރާނެކަމަށެވެ. އެގޮތުން މިދިޔަ އަހަރުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރި ސަލާމަތީ އެއްބަސްވުމަކާއި ކަނޑުގެ ސަރަޙާއްދުތަކާބެހޭ އެއްބަސްވުމަށް ޢަމަލުކުރުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ. ކާލިން ވިދާޅުވީ އެ އެއްބަސްވުންތައް ވެފައިވަނީ ސަރުކާރުތަކުގެ ދެމެދުގައިކަމަށާއި ވަކިވަކި މީހުންގެ ދެމެދުގައި ނޫންކަމުން، ސިޔާސީ މަޝްރަހަށް އަންނަ ބަދަލެއްގެ ސަބަބުން އެ އެއްބަސްވުންތަކަށް އަސަރުނުކުރާނެކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ތުރުކީވިލާތުގެ އިސް ފަރާތްތަކުން ލީބިޔާއަށް ދަތުރުކޮށް އިތުރު މަޝްވަރާތައްކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އިސްތިޢުފާ ދެއްވުމަށް ބޭނުންފުޅުވާކަމަށް އައްސައްރާޖު އިޢުލާނުކުރެއްވުމުން ތުރުކީވިލާތުގެ ބޮޑުވަޒީރު އުރުދުޣާންވެސްވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ތުރުކީވިލާތުގެ ވަފުދެއް ލީބިޔާއަށް ދަތުރުކޮށް މަޝްވަރާތައް ކުރާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ބައްދަލުވުންތަކުގެ ސަބަބުން ރަނގަޅު މިސްރާބަކަށް މައްސަލަ އެނބުރޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ބޮޑުވަޒީރުކަމުގެ މަޤާމު އައްސައްރާޖު ދޫކުރައްވައިދިނަމަ ޖީއެންއޭގެ އިސްވެރިންގެ މެދުގައި އަނެއްކާވެސް ގިނަ ދެބަސްވުންތައް އެފެދުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އޭގެ އިތުރުން އަސްކަރީ ޙަމަލާތައްވެސް އިތުރުވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.