ޚަބަރު

ބަނޑަށް ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ގޮވާލައިފި


ހަމަނުޖެހުމާއި މޫސުމީ ބަދަލާއި ކޯވިޑް-19ގެ ސަބަބުން އެތައް މިލިއަން މީހުން ބަނޑަށްޖެހުން އެކަށީގެންވާކަމަށް ވިދާޅުވެ ދުނިޔޭގެ މުއްސަނދިންގެ އެހީތެރިކަމަށް ވޯލްޑް ފުޑް ޕްރޮގުރާމް، ޑަބްލިއުއެފްޕީއިން އެދެފިއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ޑަބްލިއުއެފްޕީގެ އިސްވެރިޔާ، ޑޭވިޑް ބީޒްލީ ވިދާޅުވީ ކާބޯތަކެތި ނުލިބުމުގެ ސަބަބުން 36 ޤައުމެއްގައި ގިނަ ޢަދަދެއްގެ މީހުން ބަނޑަށް ޖެހުން އެކަށީގެންވާކަމަށެވެ. އޭގެ އިތުރުން ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން މިހާރުވެސް ވީރާނާވެފައިވާ ސަރަޙައްދުތަކުގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިޕަބްލިކް އޮފް ކޮންގޯގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތައް އިތުރުވެފައިވާކަމަށް ފާހަގަ ކުރައްވަމުން ބީޒްލީ ވިދާޅުވީ އެކަމުގެ ސަބަބުން އެ ޤައުމުގެ 15.5 މިލިއަން މީހުން ބަނޑަށް ޖެހުމުގެ ނުރައްކާ އޮތްކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ގިނަ އަހަރުތަކެއް ވަންދެން ހަނގުރާމައިގެ ޙާލަތުގައި އޮވެ ސުންނާފަތިވެފައިވާ ޔަމަނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މާލީ އެހީތެރިކަން އެކަށީގެންވާ މިންވަރަށް ނުލިބުމުގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންނަށް ޑަބްލިއުއެފްޕީއިން ވަމުންދިޔަ އެހީތެރިކަން ކުޑަކުރަން މަޖުބޫރުވެފައިވާކަމަށެވެ. އޭގެ އިތުރުން ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ނައިޖީރިއާއާއި ދެކުނު ސޫދާނުގައިވެސް އެތައް މިލިއަން މީހުންނަށް ކާބޯތަކެތި ޔަޤީންނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ފަސް މަސްކުރިން ފެށިގެން ކާބޯތަކެތި ނުލިބުމުގެ ސަބަބުން ޤައުމުތަކުގެ ޙާލަތު ގޯސްވެ 'ބަނޑުހައިހޫނުކަމުގެ ބަލިމަޑުކަމަކާ' ދުނިޔެއިން ކުރިމަތިލާންޖެހިދާނެކަމަށް އެ އިދާރާއިން ދެމުންދާ އިންޒާރުގެ ސަބަބުން ލިބުނު އެހީތެރިކަމުން ކޮންމެވެސް ވަރެއްގެ ފައިދާއެއް ކުރިކަމަށް ބީޒްލީ ވިދާޅުވިއެވެ. ނަމަވެސް 270 މިލިއަން މީހުން ބަނޑަށް ޖެހުމުގެ ބިރުވެރިކަން އަދިވެސް އެބައޮތްކަމަށާއި އެހެން ކަން ވިޔަ ނުދިނުމަށް އިތުރު އެހީތެރިކަން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

ކާބޯތަކެތި ނުލިބޭ 30 މިލިއަނަށްވުރެ ގިނަ މީހުން މިހާރުވެސް ދިރިހުރުމަށް ބަރޯސާވަނީ ޑަބްލިއުއެފްޕީއިން ފޯރުކޮށްދެމުންދާ އެހީތެރިކަމަށެވެ. އެކަމަށް އެ އިދާރާއިން އަހަރަކު 4.9 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރަން ޖެހެއެވެ. އެއް އަހަރު ދުވަސްވަންދެން ޑަބްލިއުއެފްޕީގެ އެހީތެރިކަން އެމީހުންނަށް ނުލިބޭނަމަ އެމީހުންނަށް ދިރި ނުތިބެވޭނެއެވެ.
ބީޒްލީ ވިދާޅުވީ ދުނިޔޭގެ ތާރީޚުގައި ކުރިމަތިވެފައިވާ މި އާދަޔާޚިލާފު ޙާލަތުގައި އެންމެ ފޯރާ ޤައުމުތަކުން އިސްނަގައި އެންމެ ނުފޯރާ ޤައުމުތަކަށް އެހީތެރިވެދޭންވާނެކަމަށެވެ. މުޅި ދުނިޔޭގައި 2،000އަށްވުރެ ގިނަ ބިލިއަރަނުން ތިބިކަމަށާއި އެމީހުންގެ ނެޓު ވޯތު އަށް ޓްރިލިއަން އެމެރިކާ ޑޮލަރުކަމަށްވުރެ އިތުރުކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ އެންމެ މުއްސަންދި މަހުޖަނުންނަށް ބަލިމަޑުކަމުގެ ތެރޭގައިވެސް އެތައް ބިލިއަން ޑޮލަރެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ބީޒްލީ ވިދާޅުވީ ބަޔަކަށް ލިބޭ އާމްދަނީ އިތުރުވުމަކީ މައްސައެއް ނޫންކަމަށެވެ. ނަމަވެސް ދުނިޔެ މިވަގުތު ކުރިމަތިލަމުންދަނީ އިންސާނީ ދަރިފަސްކޮޅަށް މީގެ ކުރިން ދިމާނުވާފަދަ އުނދަގޫ ޙާލަތެއްކަމަށް އޭނާ ހަނދާންކޮށްދެއްވިއެވެ.