ޚަބަރު

ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެ އީރާނުގެ ޙާލަތު ގޯސްވެއްޖެ


ކޯވިޑް-19 ފެތުރޭ މިންވަރު އީރާނުގައި އިތުރުވެ މުޅި ޤައުމުގެ ޙާލަތު އެންމެ މަތީ އިންޒާރުގެ މިންވަރާ އެއްވަރަށް ގޯސްވެފައިވާކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ރަސްމީ ފަރާތުން ބުނެފިއެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމަކީ އީރާނެވެ. އެ ޤައުމުގައި މިހާތަނަށް 416،198 މީހުންނަށް ބަލިޖެހި 23،952 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3،049 މީހުންނަށް ބަލިޖެހި 144 މީހުންވަނީ މަރުވެފައެވެ. އީރާނުގެ އެކި ސަރަޙައްދުތަކުގައި ބަލިފެތުރޭ މިންވަރަށް ބަލައި ސަމާލުގެ އެކި މިންވަރުތައް އިޢުލާނުކޮށްފައެވެ.

އީރާނުގެ ޞިއްޙަތާބެހޭ ވުޒާރާގެ ނައިބު ވަޒީރު، އިރާޖު ހަރީރުޗީ ވިދާޅުވީ އެކި ސަރަޙައްދުތަކަށް ސަމާލުގެ މިންވަރު އެކި ވަރުގައި ބެހެއްޓުމުގެ ބޭނުމެއް މިހާރު ނެތްކަމަށެވެ. ޙާލަތު ރަނގަޅު އެއްވެސް ސަރަޙައްދެއް ނެތްކަމަށާއި ހުރިހާ ހިސާބެއްގެ ޙާލަތުވެސް އޮތީ ރަތް ސަމާލުގެ މިންވަރުގައިކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި މިހާރު ފެތުރެމުންދާ މިންވަރަށް ބަލި ފެތުރޭނަމަ ބަލީގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު 45،000އަށް އިތުރުވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި އީރާނުގެ ތަބުރީޒު ސިޓީ ނަންގަވަމުން ހަރީރުޗީ ވިދާޅުވީ އެ ސިޓީގައި ޙާލުދެރަވެގެން ދުވާލެއްގެ މައްޗަށް އެނދުމަތިކުރަންޖެހޭ މީހުންގެ ޢަދަދު 40ން 160އަށް އިތުރުވެފައިވާކަމަށެވެ. އަދި ޤޫމް ސިޓީގައި އެނދުމަތިކުރާ މީހުންގެ ޢަދަދު 10ން 60އަށް އިތުރުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ޢަދަދަށް މީހުންގެ ޢަދަދު އިތުރުވުމަށް ނެގީ ކިހާ މުއްދަތެއްކަމެއް އޭނާ ވިދާޅެއް ނުވެއެވެ. ހަރީރްޗީ އިތުރަށް ވިދާޅުވީ މާސްކު ބޭނުންކުރާ މީހުންގެ ނިސްބަތް 95 އިންސައްތައަށް އިތުރުކޮށް، އިޖުތިމާޢީ އެއްވުންތައް ބާއްވާ ނިސްބަތް 50 އިންސައްތައިން ދަށްކޮށްގެން މެނުވީ ބަލީގައި މަރުވާ މީހުންގެ ޢަދަދު ދަށް ނުކުރެވޭނެކަމަށެވެ.