ކުޅިވަރު

ތިއާގޯ އަލްކަންޓާރާ ލިވަޕޫލަށް ސޮއިކޮށްފި


ބަޔާން މިއުނިކަށް ކުޅެމުން އައި ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ލިވަޕޫލަށް ސޮއިކޮށްފިއެވެ.

ލިވަޕޫލުން 20 މިލިއަން ޕައުންޑަށް ތިއާގޯ ގެނައި އިރު އޭނާގެ ފީ ދައްކާގޮތަށް ހަމަޖައްސައިފައިވަނީ އިންސްޓޯލްމަންޓް އުސޫލުން މުޅި ކޮންޓްރެކްޓްގެ މުއްދަތަށް ބަހާލައިގެންނެވެ. އޭގެ އިތުރުން ޕްރިމިއަރ ލީގާއި، ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ހޯދާ ކާމިޔާބީއަށް ބަލައި ފަސް މިލިއަން ޕައުންޑް އިތުރަށް ލިވަޕޫލުން ބަޔާން އަށް ދައްކަން ޖެހޭނެއެވެ.

ބާސެލޯނާގެ ޔޫތު ސިސްޓަމުން ރެކްރޫޓް ވެގެން އައި ތިއާގޯ އަލްކަންޓާރާ ގެނައުމަށް މެންޗެސްޓާ ޔުނައިޓެޑުންވެސް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ޔުނައިޓެޑާއި ބަޔާން އާ ދެމެދު އެއްބަސްވުމަކާއި ހިސާބަށް ދެވޭގޮތްވަނީ ނުވެފައެވެ.

ލިވަޕޫލަށް ބަދަލުވުމަށްފަހު ބަޔާނާއެކު މިދިޔަ ސީޒަނުގެ ތިން ތަށި އުފުލާލި ތިއާގޯ ބުނީ މިއީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި، ލިވަޕޫލަށް ބަދަލުވެވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ލިވަޕޫލާއެކު ހޯދެން ހުރި ހުރިހާ ކާމިޔާބީއެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ބަޔާން ދޫކޮށް ތިއާގޯ ލިވަޕޫލަށް ބަދަލުވިއިރު، 2013 ވަނަ އަހަރު 25 މިލިޔަން ޔޫރޯއަށް ބަޔާނާ ގުޅުނު ތިއާގޯ ވަނީ އެ ކުލަބުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ބަޔާންގައި ހޭދަކުރި ހަތް ސީޒަނުގައި ތިއާގޯ ވަނީ 235 މެޗު ކުޅެދީ 31 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ބަޔާނާއެކު ޖަރުމަން ލީގު ހަތް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ.